އެމްޑީޕީގެ ޓިކެޓު ކަށަވަރުކުރުމަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުން ކުރިއަށްދާނީ ކޮންމެ ރަށެއްގައި ހުންނަ ޕާޓީގެ ހަރުގޭގައި ކަމަށް އެމްޑީޕީން ބުނެފިއެވެ.
ޕްރައިމަރީއާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ފަރާތުން އިބްރާހީމް ވަހީދު ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހު ބާއްވާ ޕްރައިމަރީގައި ވޯޓުލުން ކުރިއަށްދާނީ ޕާޓީގެ ހަރުގެ ހުންނަ ރަށްރަށުގައި، ހަރުގޭގައި ކަމަށެވެ.
އަދި ހަރުގެ ނެތް ރަށްރަށުގައި އިޖުތިމާއީ މަރުކަޒުފަދަ ތަންތަނުގައި ވޯޓުލުން ކުރިއަށްގެންދިއުމަށް އޭނާ ވިދާޅުވިއެވެ.
އިބްރާހީމް ވަހީދު ވިދާޅުވީ މުޅި ރާއްޖޭގައި ބާއްވާ ޕްރައިމަރީގައި 18 ވަނަ ދުވަހު ވޯޓުލާން ފަށާނީ މެންދުރުފަހު 2:30 ގައިކަމަށެވެ. އަދި ވޯޓުލާ ނިންމާ ގަޑިއަކީ 8:30 ކަމަށާއި 8:30 ގެ ކުރިން ކިޔޫގައި ތިބި ބަޔަކަށް ވޯޓުލެވޭނެ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި 86 ދާއިރާރާއަކަށް އެމްޑީޕީން ވާދަކުރެއެވެ. އިބްރާހީމް ވަހީދު ވިދާޅުވީ 86 ދާއިރާގެ ތެރެއިން ހަތަރު މީހަކު އަނބުރާ ނަން ނަގާފައިވާކަމަށެވެ. އަދި ކޮންމެ ދާއިރާއަކަށް ވެސް ގާތްގަނޑަކަށް ހަތަރު، ފަސް މީހަކު ވާދަކުރާ ކަމަށެވެ.
މީގެއިތުރުން ހުކުރު ދުވަހު ވޯޓުލުން ކުރިއަށްގެންދަން ނިންމީ އެދުވަހަކީ މަސްވެރިންނާއި ދަތުރުވެރިންގެ އިތުރުން، ވަޒީފާތަކުގައި އުޅޭ މީހުންވެސް އެދުވަހު ރަށުގައި ތިބޭނެތީ ކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.