ޚަބަރު

ފުލުހުން ހިންގާ އޮޕަރޭޝަނަކަށް މާލޭގެ ބައެއް މަގުތައް މިއަދު ބަންދުކުރަނީ

އަހުމަދު ޖައިޝަން

ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނަކަށް މިއަދު 13:00ގެ ފަހުން މާލޭގެ ބައެއް މަގުތަކުގައި އެއްވެސް އުޅަނދަކަށް ނުވަދެވޭ ގޮތަށް ވަގުތީގޮތުން ބަންދުކުރުމަށް ފުލުހުން ނިންމައިފި އެވެ.

ޓްރެފިކް ފުލުހުން މިއަދު ޕޯސްޓުކުރި ފޭސްބުކް އަޕްޑޭޓެއްގައި ބުނެފައިވަނީ، ޝަހީދު ޙުސެއިން އާދަމް ބިލްޑިންގ ސަރަޙައްދު ބަންދުކުރާނެ ކަމަށެވެ. އޭގެއިތުރުން ވެލާނާގެ ހިމެނޭ ސަރަހައްދުންވެސް އެއްވެސް އުޅަނދަކަށް ނުދުއްވޭނެ ކަމަށް ވަނީ ބުނެފައެވެ.

އަދި ބައެއް ސަރަޙައްދުގައި ހަތަރުފުރޮޅުލީ އުޅަނދުތައް ފިޔަވާ އެހެން އުޅަނދުތަކަށް ވަދެވޭގޮތަށް މަގު ބަންދުކުރުމަށްވެސް ވަނީ ނިންމައިފައެވެ. އެގޮތުން މެދުޒިޔާރަތްމަގުގެ ވަކި ހިސާބެއްގައި 13:00 އަށް ފަހު ހަތަރުފުރޮޅުލީ އުޅަނދުތައް ވަގުތީގޮތުން ދުއްވުން މަނާވާނެއެވެ.

ފުލުހުން މިއަދު މަގު ބަންދުކުރަން ނިންމާފައިވާއިރު، އޮޕަރޭޝަން ކުރިއަށްގެންދާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު 13:30 އަށް ފުލުހަށް ހާޒިރުކުރުމަށް ވަނީ ޗިޓު ފޮނުވައިފައެވެ.