ޝަހީދާ އަބްދުﷲ ސައީދު
އެމްޑީޕީގެ ޓިކެޓު ކަށަވަރުކުރުމަށް ބާއްވާ މަޖިލީހުގެ ޕްރައިމަރީގައި އެޕާޓީގެ ލީޑަރޝިޕުގެ ބޭފުޅުން ވާދަކުރެއްވިނަމަވެސް އެެއްވެސް ނުފޫޒެއް ނެތްކަމަށް އެމްޑީޕީން ބުނެފިއެވެ.
ޕްރައިމަރީއާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ޕްރައިމަރީގައި ދެފުށް ފެންނާނެ ކަމަށެވެ. އަދި އެއްވެސް ފަރާތަކަށް ވޯޓު އޮޅުވާލުމުގެ ފުރުސަތު ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އިންތި ވިދާޅުވީ ލީޑަރޝިޕުގެ ބޭފުޅުންވެސް ވާދަކުރައްވާކަމަށެވެ.
'' ރޭގަނޑު ވޯޓްލުން ކުރިޔަށް ދިޔަޔަސް އެއްވެސް ފަރާތަކަށް ވޯޓް އޮޅުވައެއް ނުލެވޭނެ. ވޯޓްލުން ކުރިއަށްދާނީވެސް އަދި ވޯޓް ގުނާނީވެސް ދެފުށްފެންނަ ގޮތަށް. ލީޑަރޝިޕުގެ ބޭފުޅުން ވެސް ވާދަކުރައްވާނެ. އެހެން ނަމަވެސް އެބޭފުޅުންގެ ފަރާތުންވެސް އެއްވެސް ނުފޫޒެއް ނާދޭ.'' އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވި ގޮތުގައި ވޯޓް ގުނާނީ ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މީޑިއާ ކުރިމަތީގައެވެ.
އަދި އެމްޑީޕީން އަބަދުވެސް އެތެރޭގެ އިންތިޚާބުތައް ކުރިއަށްގެންދަނީ، ވީހާވެސް ބޮޑަށް ދެފުށް ފެންނަ ގޮތަށް އަދި އެންމެ މަސްލަހަތު ރަގަޅު ގޮތުގައި ކަމަށް އިންތި ވިދާޅުވިއެވެ. އެމްޑީޕީގެ ޕްރައިމަރީގެ ވޯޓްލުން ކުރިއަށްދާނީ މިމަހުގެ 18 ވަނަ ދުވަހުކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
އަދި މިފަހަރުގެ މަޖިލިސް ޕްރައިމަރީގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފުވެސް ވާދަކުރައްވައެވެ.
ރައީސް ނަޝީދު ވާދަ ކުރައްވަނީ މައްޗަން ގޯޅި މެދު ދާއިރާއަށެވެ.