ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތް ކުރުމަަށް ހަތަރު އަތްދަށު ވަޑީން ހޯދުމަށް އިއުލާނު ކޮށްފި އެވެ.
މިނިސްޓްރީ އޮފް އާޓްސް އެންޑް ކަލްޗަރުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހަތަރު އަތްދަށު ވަޑީން ހޯދަނީ ތިން މަހުގެ މުއްދަތަކަށް ކަމަށެވެ. ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތުގެ ހުރިހާ ވަޑާމުގެ މަސައްކަތެއް ކުރާނީ އެ ފަރާތްތަކުން ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ ވަޑީންނަށް ހޮވާ މީހުން ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކު 800 ރުފިޔާގެ މުސާރައެއް ދޭނެ ކަމަށެވެ. އެ މިސްކިތް ރޭވުމުގައި ހިލޭ ސާބަހަށް މަސައްކަތްކުރުމަށް ބޭނުންވާ އާންމުންނަށްވެސް އެ ފުރުސަތު ވަނީ މީގެ ކުރީން ހުޅުވާލާފައެވެ.
ކަޅުވަކަރު މިސްކިތް ސަލްޓަން ޕާކުގައި ބެހެއްޓުމަށް ނިންމާފައި ވަނީ މިދިޔަ މަހުގެ 25ގައެވެ.
ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމުމަށް ވައުދުވެފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.