ޝެއިޚް އަލީ ޒައިދު

ލާދީނީގެ މާނައަކީ ދީނުން ބޭރުވުމެއްނޫން: ޝައިޚް ޒައިދު

އިބްރާހިމް ޒަކީ

ލާދީނީގެ މާނައަކީ، މީހާ ދީނުން ބޭރުވުންނޫން ކަމަށް، ދީނީ ޢިލްމުވެރިޔާ އައްޝައިޚު ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފަވާއިރު، މާލޭގެ އިރުމަތީ ފަރާތުގައި ޢިމާރާތް ކުރަމުން އަންނަ ސަލްމާން މިސްކިތަކީ ހުތުރު ޢިމާރާތެއް ކަމަށްބުނެ އައިޝަތު އާނިޔާ ކުރި ޓްވީޓަކާ ގުޅިގެން، ސަލްމާން މިސްކިތް ހަޑިކަމަށް ބުނެ ވާހަކަދައްކަނީ ލާދީނީ ބައެއް މީހުން ކަމަށް ޝައިޚް އިއްޔެ ވަނީ ވިދާޅުވެފައެވެ.

ޝައިޚްގެ އެ ޓްވީޓާ ގުޅިގެން އާނިޔާ ތުހުމަތު ކޮށްފައިވަނީ، އޭނާގެ ދީނީ އަޤީދާއާމެދު ޝައިޚް ސުވާލު އުފައްދަވައި، މުޖުތަމަޢު ފަސާދަ ކުރެއްވުމަށް މަސައްކަތް ކުރައްވާކަމަށެވެ.

ޝައިޚް މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، ލާދީނީގެ މާނަ އަކީ، މީހާ ދީނުން ބޭރުވުންނޫން ކަމަށާއި، ގިނަ ކަންކަމުގައި މިލަފްޒު ރާއްޖޭގައި ބޭނުން ކުރަނީ، އިސްލާމީ ޙުކުމްތަކާ ފުށުއަރާފަދަ ފިކުރާއި ބަސްމަގު ގެންގުޅޭ މީހުންނަށްކަމަށެވެ. އަދި އޭގެ މާނައަކީ، އޭނާ މުރުތައްދުވުން ނޫންކަމަށްވެސް ޝައިޚް ވިދާޅުވެފައިވެ އެވެ.

ސަލްމާން މިސްކިތަކީ ހުތުރު ޢިމާރާތެއް ކަމަށާއި "މިހުތުރު ޢިމާރާތް" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރީތި މަންޒަރު ބެލުމަށް ހުރަސް އަޅާ ކަމަށް ބުނެ އައިޝަތު އާނިޔާ ކޮށްފައިވާ ޓްވީޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒު ވެފަ އެވެ.