ރައީސް ޔާމީން

ރައީސް ޔާމީން މާދަމާ ފުލުސް އޮފީހަށް ހާޒިރުކުރަނީ

1

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މާދަމާ ފުލުސް އޮފީހަށް ހާޒިރުކުރުމަށް ޗިޓު ފޮނުވައިފިއެވެ.

"ވަން އޮންލައިން"އަށް ކަށަވަރުވެފައިވާ ގޮތުގައި ރައީސް ޔާމީން ފުލުސް އޮފީހަށް މާދަމާ މެންދުރުފަހު 1:30 އަށް ހާޒިރުވުމަށް ވަނީ އަންގައިފައެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ވެސް ރައީސް ޔާމީން ވަނީ ފުލުސް އޮފީހަށް ވަޑައިގެންފައެވެ. ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ ފުލުހުން ތަހުގީގު ކުރަމުން އަންނަ ފައިސާގެ މައްސަލައަކާ ގުޅިގެންނެވެ.

އޭރު ފުލުސް އޮފީހަށް ވަޑައިގެންނެވުމަށް ފަހު ރައީސް ޔާމީން ވިދާޅުވީ ފުލުހުން ސުވާލުކޮށްފައިވަނީ އެމަނިކުފާނުގެ ކެމްޕެއިން އެކައުންޓާއި އަދި އެމްއެމްޕީއާރުސީއާ ގުޅުންހުރި ފައިސާގެ މައްސަލައިގައި ކަމަށެވެ.

ތަހުގީގުގެ ބޭނުމަށްޓަކައި ރައީސް ޔާމީންގެ އެކައުންޓްތަކުގައި ހުރި ޔޫއެސް ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތުން 100 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ވެސް ފުލުހުން ވަނީ ފްރީޒްކޮށްފައެވެ.

ފުލުހުން ބުނީ ރައީސް ޔާމީނުގެ ނަމުގައި ރާއްޖޭގެ ބޭންކްތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން ފުލުހުންނަށް މައުލޫމާތު ލިބިފައިވާ އެކައުންޓްތަކަށް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ބޮޑެތި އަދަދުތަކުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް، އަދި އެ ފައިސާއިން މުއާމަލާތްކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟