މާލިއްޔަތު ގަވާއިދަށް އިސްލާހު ގެނެސް ގެޒެޓްކޮށްފި އެވެ. މިއީ މި ސަރުކާރުގައި އެ ގަވާއިދަށް އިސްލާހު ގެނައި ދެވަނަ ފަހަރެވެ.
ކޮރަޕްޝަނަށް ހުރި ހިރާސްތައް ކުޑަކުރަން އެ ގަވާއިދަށް އިސްލާހު ގެނެސްފައިވަނީ ފިނޭންސް މިނިސްޓްރީ، އެޓާނީ ޖެނެރަލް އޮފީސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އޮޑިޓާ ޖެނެރަލް އޮފީސް ހިމެނޭ ގޮތަށް އެކުލެވުނު ކޮމެޓީއަކުންނެވެ.
މާލިއްޔަތު ގަވާއިދަށް ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ އެ ގަވާއިދުގެ 10.27 ވަނަ މާއްދާއަށް ގެނެސްފައިވާ ބަދަލުތަކެވެ. މި މާއްދާއަކީ އުވާލަން މިހާރު އޮތް އޭސީސީން ދެ ފަހަރެއްގެ މަތިން އެދިފައިވާ މާއްދާއެކެވެ.
މާލިއްޔަތު ގަވާއިދު ފުރަތަމަ އާންމުކުރި އިރު އެ ގަވާއިދުގެ 10.27 ގައި ބުނަނީ ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތެއް ބިޑް ކުރުމަކާނުލައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ ނުވަތަ ގައުމީ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއް ކަމަށް ސަރުކާރުން ގަބޫލުކުރާ މުއައްސަސާއަކާ ހަވާލުކޮށްގެން އެ މަސައްކަތެއް ކުރުވިދާނެ ކަމަށެވެ.
ނަމަވެސް މަސައްކަތެއް ހަވާލުކުރާނޭ ފަރާތެއް ކަނޑައަޅަންވާނީ ނެޝަނަލް ޓެންޑަރު ބޯޑަށް ހުށަހަޅައި، މިނިސްޓަރުގެ ލަފާގެ މަތިން އެ ބޯޑުގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހުގައި ކަމަށް ބުނެފައިވެ އެވެ. އެ މާއްދާ ބަދަލުކޮށް، މިއަދު ގެޒެޓުކުރި އިސްލާހުގައި ކޯޕަރޭޓިވް ސޮސައިޓީ އަދި ގައުމީ ޖަމިއްޔާތަކަށް ސިންގަލް ސޯސްކޮށް ދެވޭ ގޮތަށް އޮތް ގޮތް ވަނީ ބަދަލުކޮށްފަ އެވެ.
ގަވާއިދަށް ގެނައި އިސްލާހުތަކުގެ ތެރެއިން އެޑްވަންސް ފައިސާ ދިނުމާ ގުޅޭ 10.67 ވަނަ މާއްދާއަށް ވެސް ވަނީ ބައެއް އިސްލާހު ގެނެސްފަ އެވެ. އެގޮތުން އެ މާއްދާގެ (ހ)ގެ (2) ވަނަ ނަންބަރު އިސްލާހުކޮށް އެ މާއްދާއަށް (ރ)ގެ ގޮތުގައި އަކުރެއް ވަނީ އިތުރުކޮށްފަ އެވެ.
އެގޮތުން އެ މާއްދާގެ (ހ)ގެ (2) ވަނަ ނަންބަރުގައި ކުރިން ބުނެފައި އޮންނަނީ އެޑްވާންސްގެ ގޮތުގައި ދެވޭ ފައިސާ މަސައްކަތް ކުރަމުންދާއިރު ނުވަތަ ހިދުމަތެއް ހޯދަމުންދާއިރު ހުށަހަޅާ ބިލުތަކުން، ކޮންޓްރެކްޓުގެ ޖުމްލަ އަގުގެ ނިސްބަތުން ކެނޑުމަށެވެ.
އެ ނަންބަރަށް ގެނައި އިސްލާހުގައި ބުނެފައިވަނީ އެޑްވާންސްގެ ގޮތުގައި ދެވޭ ފައިސާގެ އަދަދު ހަމަވަންދެން ހުށަހަޅާ ބިލުތަކުން، އެޑްވާންސް ފައިސާ ދެވިފައިވާ ނިސްބަތަށްވުރެ މަދުނުވާނެހެން ކެނޑުމަށެވެ.
އެ މާއްދާއަށް އިތުރުކުރި އަކުރުގައި ބުނަނީ މަސައްކަތް ކޮށްދޭ ފަރާތަށް ނުވަތަ ހިދުމަތް ފޯރުވައިދޭ ފަރާތަށް ނުވަތަ ތަކެތި ފޯރުވައިދޭ ފަރާތަށް އެޑްވާންސް ފައިސާ ދޭނަމަ، އެ ފަރާތަކުން އެ އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގްރެންޓީއެއް ހޯދަންޖެހޭނެ ކަމަށެވެ. އަދި އެގޮތަށް ހޯދާ އެޑްވާންސް ޕޭމަންޓް ގެރެންތީ ވާންޖެހޭނީ، ސަރުކާރުން ގަބޫލުކުރާ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓަކުން އެކަމަކަށް ދޫކޮށްފައިވާ ގެރެންޓީއަކަށް ކަމަށް ބުނެފައިވެ އެވެ.