އާބާތުރަ ފިލުވުމަށް ނާމާދު ކުރުން ވަގުތީގޮތުން ހުއްޓާލާފައިވާ މާލޭ ހުކުރު މިސްކިތުގައި މާދަމާއިން ފެށިގެން ޖަމާއަތުގައި ނަމާދު ކުރަން ނިންމައިފިއެވެ.
ނޭޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖުން ބުނީ އާބާތުރަ ފިލުވުމަށް ނާމާދު ކުރުން ވަގުތީގޮތުން ހުއްޓާލާފައިވާ މާލޭ ހުކުރު މިސްކިތުގައި މާދަމާގެ އަސުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިސްކިތުގައި ނަމާދުކުރަން އަލުން ފަށާ އިރު، ކޮވިޑާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ބޭފުޅުންވެސް އަމަލުކުރުމަށް ނޭޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖުން ވަނީ ގޮވާލައިފައެވެ.
މާލޭ ހުކުރު މިސްކިތުގައި އަލުން ނަމާދުކުރަން ފެށުމަށް ވެފައިވާ ތައްޔާރީތައް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ބައްލަވާލައްވައިފައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުކުރު މިސްކިތް ބަންދުކުރީ މިސްކިތަށް ބޮޑެތި ގެއްލުންތައް ލިބިފައިވާތީ އަލުން މަރާމާތު ކުރުމަށެވެ. މިދިޔަ މެއި މަހު މިނިސްޓްރީން ވަނީ ލޮކްޑައުނަށްފަހު މިސްކިތް އަލުން ހުޅުވާލާނެ ކަމަށް ބުނެފައެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން އެ މަސައްކަތް ނިންމުން ލަސްވެގެންދިޔައެވެ.
އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން ދެ އަހަރު ދުވަހުގެ މުއްދަތަށް މުޅި ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.