މިސްކިތެއްގެ ދޮރުމަތީ މިސްކިތެއް އެޅުން ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި ވަނީ މަނާ ކުރައްވާފައި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިހެން ވިދާޅުވެފައިވަނީ ކަޅުވަކަރު މިސްކިތް ކުރީގެ ދިރާގު ބިލްޑިންގް ހުރި ބިމުގައި އެޅުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ޝަހީމް ވިދާޅުވިގޮތުގައި ޖަމާއަތުގައި ފަސްވަގުތު ނަމާދުކުރާ މިސްކިތެއްގެ ދޮރުމަތީ ޖަމާއަތުގައި ނަމާދު ކުރާ އިތުރު މިސްކިތެއް ނުހެދޭނެއެވެ.
ޝަހީމް ވަނީ ކަޅުވަކަރު މިސްކިތް އަލުން ރާވަނީ އެ މިސްކިތުގައި ނަމާދު ކުރާގޮތަށް ނަމަ އެ މިސްކިތް އިސްލާމީ މަރުކަރުގެ ދޮރުމަތީ ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ. ސަބަބަކީ އިސްލާމީ މަރުކަޒަކީ ފަސްވަގުތު ޖަމާއަތުގައި ނަމާދު ކުރާ މިސްކިތަކަށް ވާތީ އެވެ. ނަމަވެސް ކަޅުވަކަރު މިސްކިތް އަލުން ރާވަނީ އެ މިސްކިތުގައި ނަމާދު ނުކުރާގޮތަށް ތާރީހީ ގޮތުން ހުންނަ އިމާރާތެއްގެ ގޮތުގައި ނަމަ ކުރީގެ ދިރާގުގެ އިމާރާތް ހުރި ބިމުގައި ކަޅުވަކަރު މިސްކިތް ބެހެއްޓުން ރަނގަޅުކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވަނީ މިކަމާ އޭނގެ ހިޔާލު ހުރިގޮތްވެސް މި ޕޯސްޓް މެދުވެރިކޮށް އާންމުންނާ ހިއްސާކޮށްފައެވެ. ޝަހީމް ވިދާޅުވިގޮތުގައި އެ މިސްކިތް އަލުން ރާވައި ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނަމަވެސް މިސްކިތް އަލުން ރާވާ ނަމަ ބަހައްޓަން ވާނީ މިސްކިތުގައި ނަމާދު ކުރެވޭގޮތަށް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވަނީ މިއީ ސިޔާސީ ވެގެން ދައްކާ ވާހަކައެއް ނޫން ކަމަށާއި މިއީ ދީނީ ގޮތުން ބަޔާން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.