ޝެއިޚް އަލީ ޒައިދު

ނަމާދުކުރާ ގޮތަށް އިސްލާމީ މަރުކަޒު ކައިރީ ކަޅުވަކަރު މިސްކިތް ބެހެއްޓުމަކީ ރަނގަޅުކަމެއްނޫން: ޝައިޚު ޒައިދު

ޝަހީދާ އަބްދުﷲ ސައީދު

އިސްލާމީ މަރުކަޒާ އިންވެގެން ނަމާދުކުރާ ތަނެއްގެ ގޮތުގައި ކަޅުވަކަރު މިސްކިތް ބެހެއްޓުމަކީ އެއްގޮތަކަށްވެސް ރަނގަޅުކަމެއް ނޫންކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚު ޒައިދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ކަޅުވަކަރު މިސްކިތް ކުރީގެ ދިރާގު އޮފީސް ހުރި ތަނުގައި ބެހެއްޓުމަށް ނިންމުމާ ގުޅިގެން ޝައިޚު ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަޅުވަކަރު މިސްކިތުގައި ނަމާދު ނުކުރާނަމަ މިހާރު ބަހައްޓަން ނިންމާފައިވާ ތަނުގައި ބެހެއްޓުމަކީ މައްސަލައެއް ނޫން ކަމަށެވެ.

އަދި އިސްލާމީ މަރުކަޒު ކައިރީ ނަމާދުކުރެވޭ ގޮތަށް މިސްކިތް ބެހެއްޓުމާ ގުޅޭގޮތުން ޒައިދު ވިދާޅުވީ ދެމިސްކިތުގެ އަޑުގަދަކުރާއިން އުނދަގޫވުމާއި އެތައް މުންކަރާތަކަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި ޖެހިޖެހިގެން މަރުކަޒުގައި ތަން އޮއްވައި އެގޮތަށް މިސްކިތެއް ބެހެެއްޓުން އެއްގޮތަކަށްވެސް ރަނގަޅު ނުވާނެ ކަމަށް ޝައިޚު ޒައިދުގެ ޓުވީޓުގައި ވެއެވެ.

އަދި އޭގެ އިތުރުން އޭނާގެ އިތުރު ޓުވީޓެއްގައި ވިދާޅުވީ ކަޅުވަކަރު މިސްކިތަކީ ހެރިޓޭޖު އުސޫލުން ބަހައްޓާ ބިނާއެއްނަމަ މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް މައުލޫމާތު ސާފު ކުރެއްވުމުން އެމިސްކިތުގައި ނަމާދުކުރެވޭ ގޮތަށް ބަހައްޓާކަން އެނގިވަޑައިގެންފައިވާ ކަމަށް އޭމާގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ޒައިދުގެ އިތުރުން އިސްލާމީ މަރުކަޒާ އިންވެގެން ކަޅުވަކަރު މިސްކިތް ބެހެއްޓުމާ މެދު ދީނީ ބައެއް އެހެން އިލްމުވެރިން ވެސް ދެކިވަޑައިގަންނަވާ ގޮތް ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން އައްޝައިޚު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވެސް ވިދާޅުވެފައި ވަނީ މިސްކިތެއްގެ ކުރިމަތީ މިސްކިތެއް ބެހެއްޓުމަކީ ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި މަނާކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި ތަރައްގީގެ ގޮތުން ހުންނަަ އިމާރާތެއްނަމަ އިސްލާމީ މަރުކަޒު ކައިރީ ބެހެއްޓުން އެންމެ ރަނގަޅު ކަމަށް ވެސް ޝަހީމު ވިދާޅުވިއެވެ.