ޚަބަރު

ނޫމަރާ ނެރު ފައިކައްޓަށް ދޯންޏެއް އަރައިފި

މަރިޔަމް ޝަހުދާ

ށ. ނޫމަރާ ނެރު ފައިކައްޓަށް ދޯންޏެއް އަރައިފި އެވެ.

އެމްއެންޑީއެފަށް މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 12:34 ހާއިރެވެ. 50 ފޫޓުގެ އަބާރަނަ ނަމަކަށް ކިޔާ މި ދޯނި ނެރު ފައިކައްޓަށް އަރާފައިވަނީ ނޫމަރާ ފަޅުން ނުކުންނަން އުޅުމުގެ ތެރޭގައެވެ.

އެމްއެންޑީއެފްގެ ނޮދާން އޭރިއާގެ ކޯސްޓް ގާޑުން މިހާރު މި ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ދޯނީގެ ވެރިފަރާތުން އެހީތެރިކަމަށް ފޮނުވި އެހެން ދޯންޏެއްވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ދޯނި ދިޔަވާން ފެށުމުން ދޯނި ފުންކުރުމަށް ކަންނެލި ދޯންޏެއްގެ އެހީއާއެކު ދޯނި ކަފު ޖަހައިގެން މަސައްކަތްކުރާ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.