ޚަބަރު

އިންޑިއާގެ ހެލިކޮޕްޓަރުތައް އަލުން ބޭނުންކުރަން ފަށައިފި

އަހުމަދު ޖައިޝަން

އިންޑިއާ ސިފަައިން ރާއްޖޭގައި ދުއްވާ ހެލިކޮޕްޓަރުތަކުގެ އެއްބަސްވުންތައް އާކޮށް ބަލިމީހުން އުފުލުމާއި ވައިގެ މަގުން ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތްތަކުގައި އެ ހެލިކޮޕްޓަރުތައް އަލުން ބޭނުންކުރަން ފަށައިފި އެވެ.

އިންޑިއާއިން ރާއްޖޭގައި ދުއްވާ ދެ ހެލިކޮޕްޓަރުގެ އެއްބަސްވުން އާކޮށް ދަތުރުތައް އަލުން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ރޭ ވަނީ ބުނެފައެވެ.

އެއްބަސްވުން އާކުރުމާއެކު ހެލިކޮޕްޓަރު ބޭނުންކޮށްގެން ބަލި މީހުން އުފުލުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފައެވެ.

އެގޮތުން މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު ހެލިކޮޕްޓަރުގައި މިއަދު ހެނދުނު ވަނީ މާލެ ގެނެސްފައެވެ.

މިއަދު ހެނދުނު 07:30ހާއިރު މާލެ ގެނެސްފައިވަނީ އުމުރުން 81 އަހަރުގެ އަންހެނެކެވެ.

ރާއްޖޭގައި އިންޑިއާގެ ސިފައިން ހެލިކޮޕްޓަރު ދުއްވުމާ ގުޅިގެން އާންމުން ވަނީ މީގެކުރީން ކަންބޮޑުވުން ފާޅުކޮށްފައެވެ. އިންޑިއާގެ ސިފައިން އެ ހެލިކޮޕްޓަރުތައް ދުއްވި ނަމަވެސް، މަސައްކަތްކުރާނީ ދިވެހި ސަރުކާރުގެ އެންގުމުގެ މަތީން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.