ސިޔާސީ ފަރާތްތަކަށް ލިބޭ ހަދިޔާ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއާ ހަވާލުކުރުމަކީ އެކޮމިޝަންގެ މިނިވަންކަމަށް އަސަރުކުރާނެ ކަމެއް ކަމަށް ކުރީގެ އޮޑިޓަރު ޖެނެރަލް ނިޔާޒް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ނިޔާޒް މިހެން ވިދާޅުވެފައިވަނީ ސިޔާސީ ފަރާތްތަކަށް ލިބޭ ހަދިޔާ އޭސީސީއާ ހަވާލުކުރަން ޖެހޭގޮތަށް "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލު"ގެ ތިންވަނަ މާއްދާގެ ދ އާއި ނުވަ ވަނަ ނަމްބަރާއި 13 ވަނަ ނަންބަރުގެ ހ. އިސްލާހުކޮށް ގެޒެޓްކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަވެ.
ނިޔާޒް ވިދާޅުވިގޮތުގައި ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް ސުވާލު އުފެދޭގޮތަށް ލިބޭ ހަދިޔާ ހަވާލުކުރަން ޖެހޭނީ ދައުލަތުގެ ހަޒާނާއަށެވެ. އަދި އޭސީސީ ފަދަ މިނިވަން މުއައްސަސާއަކާ މިފަދަ ހަދިޔާ ހަވާލުކުރުމުން އެ މުއައްސަސާގެ މިނިވަންކަމަށް ހުރަސް އެޅޭ އިރު، ސަރުކާރުން މިކަން ރިވިއު ކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ނިޔާޒްގެ ޓުވީޓުގައި ވިދާޅުވިއެވެ.