ޝެއިޚް އަލީ ޒައިދު

ސަލްމާން މިސްކިތް ހަޑި ކަމަށްބުނެ ވާހަކަދައްކަނީ ލާދީނީ މީހުން: ޝައިޚު ޒައިދު

ޝަހީދާ އަބްދުﷲ ސައީދު

ސަލްމާން މިސްކިތް ހަޑިކަމަށް ބުނެ ވާހަކަދައްކަނީ ލާދީނީ ބައެއް މީހުން ކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚު ޒައިދު މިހެން ވިދާޅުވި އިރު، މާލޭގެ އިރުމަތި ފަރާތުގައި މިހާރު އިމާރާތް ކުރަމުން އަންނަ ސަލްމާން މިސްކިތަކީ ހުތުރު އިމާރާތެއް ކަމަށާއި "މިހުތުރު އިމާރާތް" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރީތި މަންޒަރު ބެލުމަށް ހުރަސް އަޅާ ކަމަށް ބުނެ އައިޝަތު އާނިޔާ ދާދި ފަހުން ވަނީ ޓުވީޓެއް ކޮށްފަ އެވެ.

ޝައިޚު ޒައިދުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ ސަލްމާން މިސްކިތަކީ ރީތި މިސްކިތެއް ކަމަށާއި ލާދީނީ ބައެއް މީހުން މިސްކިތް ހަޑިކަމަށް ކިޔާނެ ކަމަށެވެ.

''މުސްލިމުންގެ ކައިރީ އެންމެ ލޮބުވެތި ތަނަކީ މިސްކިތްތައް. އަޅުގަނޑުމެންނަށް އެނގޭ އެ ހަޑިވެގެން އުޅެނީ ކޮންއެއްޗެއްކަން ވަރަށް ރަނގަޅަށް. އިސްލާމުންގެ ކައިރީ އެންމެ ލޮބުވެތި ތަނަކީ މިސްްކިތްތައް. މިއީ ޔަގީންކަމެއް.'' ޒައިދު ވިދާޅުވިއެވެ.

ޒައިދު މިފަދައިން ވިދާޅުވިއިރު އާނިޔާ މިއަދު ހެނދުނު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދީނީ ދަރުސްތަކުން ނިކުތް އެންމެ ބޮޑު ނަތީޖާއަކީ ޒަމާނުއްސުރެއް ދިވެހީންގެ ތެރޭގައި އޮތް ޓޮލަރެންސްގެ ސިފަ ނެތިގެން ދިޔުން ކަމަށެވެ.

އަދި ދީނީ ދަރުސްތަކުގެ ސަބަބުން މީސް މީހުންގެ އަބުރާ ބެހުމާއި ދީނީ އަގީދާއާ މެދު އާންމުންގެ ތެރޭގައި ސުވާލު އުފައްދައި ފިތުނަފަސާދަ ފެތުރޭ ކަމަށްވެސް އާނިޔާގެ ޓްވީޓްގައި ބުނެފައިވެއެވެ.