ޚަބަރު

ކަނޑުއޮތްގިރީގައި އަލުން މަސް ބަންދުކުރަން ފަށަނީ

އަލީ ޔާމިން

ކ. ކަނޑުއޮތްގިރީގައި އަނެއްކާވެސް އާންމުންނަށް މަސް ބަންދުކޮށްދިނުމުގެ ހިދުމަތް ދޭން ނިންމައިފިއެވެ.

މިފްކޯ އިން ބުނީ އެ ކުންފުނީގެ ފްރެޝްފިޝް ޕްރޮސެސިން ޕްލާންޓް "ކަނޑުއޮތްގިރީ ފިޝްވިލެޖުން" އާންމު ފަރާތްތަކަށް ދެމުން އައި މަސް ބަންދުކޮށްދިނުމުގެ ހިދުމަތް ދުވަސްތަކަކަށް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން އެ ހިދުމަތް ދޭން ނިންމާފައިވާ ކަމަށެވެ.

އާންމުންނަށް މަސް ބަންދުކޮށްދިނުމުގެ ހިދުމަތް ދޭން ނިންމީ މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ބޮޑުކަންނެލީގެ އިތުރުން ފަރުމަހުގެ ބާވަތްތައް ވެސް ބަންދުކޮށް ރާއްޖެއިން ބޭރުކުރެވޭ މަހުގެ ބާވަތްތައް އިތުރުކުރުމާއި އެކްސްޕޯޓު ކުރުމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމަށް ކަމަށް މިފްކޯއިން ބުންޏެވެ.

މީގެ އިތުރުން ރާއްޖެއިން އެކްސްޕޯޓު ކުރާ ތާޒާ މަހުގެ ބާވަތްތައް އިތުރުވެގެން ދިއުމުން، ރާއްޖެއަށް އެތެރެވާ ބޭރު ފައިސާގެ މިންވަރު އިތުރުވެގެން ދިއުމުގެ މަގު ތަނަވަސްކުރުމަކީ ވެސް އެ ހިދުމަތް އަލުން ފެށުމުގެ މަގުސަދެއް ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯ އިން ބުނީ ކަނޑުއޮތްގިރީގައި ބޮޑުކަންނެއްޔާއި ފަރުމަސް ބަންދުކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހަޅަން ޖެހޭނެ ކަމަށާއި އެ ފޯމު އެ ކުންފުނީގެ ވެބްސައިޓުން https://mifco.com.mv/download އިން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ.

މިފްކޯއިން ބުނީ ކަނޑުއޮތްގިރީގެ ވަސީލަތްތައް ހުރި މިންވަރަކުން ފޯމު ހުށަހަޅާ ފަރާތްތަކަށް ފުރުސަތު ދޭނެ ކަމަށެވެ.