އަލީ ޔާމިން
ރާއްޖޭގައި ހުރި ލެބޯޓަރީތަކާއި އައިސީޔޫތައް ތަރައްގީކުރުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ރާއްޖެއަށް ތަކެތި ހަދިޔާކޮށްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި ހެލްތު މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތުރުއެވެ. މިއަދު ހަވާލުކުރެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ އައިސީޔޫގައި ބޭނުންކުރާ އާލާތްތަކާއި ލެބޯޓަރީގެ އާލާތްތަކެވެ.
ހެލްތު މިނިސްޓްރީން ބުނީ، މި ތަކެއްޗާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ އައިސީޔޫތަކާއި ލެބޯޓަރީތައް އިތުރަށް ތަރައްގީކުރެވިގެންދާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް މެދުނުކެނޑި ލިބެމުން އަންނަ އެހީތެރިކަމަށްޓަކައި އެޖަމިއްޔާގެ ވެރިންނަށް ޝުކުރު އަދާކުރައްވައިފައެވެ.
ރާއްޖޭގައި ކޮވިޑް 19އަށް ޓެސްޓްކުރުމުގެ ހިދުމަތް ކުރިއަށްގެންދިއުމަށްޓަކައި ޑަބްލިޔުއެޗްއޯއިން އަންނަނީ މެދުކެނޑުމެއްނެތި ރާއްޖެއަށް ޓެސްޓު ކިޓުތައް ފޯރުކޮށްދެމުންނެވެ. އެގޮތުން ޕީސީއާރު ޓެސްޓު ކިޓުގެ އިތުރުން ޖީންއެކްސްޕާޓް ކާޓްރިޖްގެ 15،000 އަށްވުރެ ގިނަ ކާޓްރިޖް އެޖަމިއްޔާގެ ފަރާތުން ރާއްޖެއަށް މިހާތަނަށް ވަނީ ހަދިޔާކޮށްފައެވެ.