ރާއްޖޭގެ ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާމެދު ސުވާލު އުފެދިދާނެ ގޮތަކަށް ދޭން އުޅޭ ހަދިޔާތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ހަވާލުކުރަން ޖެހޭ ގޮތަށް ހަދައިފި އެވެ.
"ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލު"ގެ ތިންވަނަ މާއްދާގެ ދ އާއި ނުވަ ވަނަ ނަމްބަރާއި 13 ވަނަ ނަންބަރުގެ ހ. އިސްލާހުކޮށް ވަނީ ގެޒެޓުކޮށްފައެވެ.
އެ އުސޫލުގެ ތިންވަނަ މާއްދާގެ ދ ގައި ބުނެފައިވަނީ މުވައްޒަފުގެ ތެދުވެރިކަމާއި އަމާނާތްތެރިކަމާ މެދު ސުވާލު އުފެދިދާނެ ގޮތަކަށް، އެއްވެސް ފަރާތަކުން ދޭންއުޅޭ ހަދިޔާއެއް ބަލައިގަތުމަކީ ކުށެއް ކަމަށެވެ.
"ދައުލަތުން ކަމަކަށް އެދިގެން އުޅޭ މީހެއްގެ ކިބައިން، ނުވަތަ ދައުލަތާ ގުޅިގެން ނުވަތަ ބައިވެރިވެގެން ކަމެއްކުރާ ނުވަތަ ކުރަންއުޅޭ މީހެއްގެ ކިބައިން، އެކަމަކާބެހޭ ދައުލަތުގެ މުވައްޒަފަކަށް ނުވަތަ މުވައްޒަފެއްގެ އަންބަކަށް، ނުވަތަ ފިރިއަކަށް، ހަދިޔާއެއްގެ ގޮތުގައި އެއްވެސް އެއްޗެއް ލިބިއްޖެނަމަ، ނުވަތަ އެއްވެސް އެއްޗެއް ދިނުމަށް ހުށަހަޅައިފިނަމަ، ލަސްނުކޮށް އެ އެއްޗެއް ނުވަތަ އެކަމެއް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ނުވަތަ އެ ކޮމިޝަނުން ކަނޑައަޅާ ފަރާތަކަށް ރައްދުކުރަންވާނެއެވެ." ގެޒެޓުކޮށްފައިވާ އުސޫލުގައި ވަނީ ބުނެފައެވެ.
ހަދިޔާ ބަލައިގަތުމުގެ އިތުރުން އެހެން ބައެއް ކަންތައްތަކަށް ވަނީ އިސްލާހުގައި ބަދަލު ގެނެސްފައެވެ. އެގޮތުން ވަޒީފާއަށް ހާޒިރުވުމަށް އުޒުރުވެރިވެ އެކަން އެއްވެސް ފަރާތަކަށް އަންގާފައި ނުވާނަމަ އެ ދުވަސްތަކުގެ މުސާރަ ނުހިނގާނެ ކަމަށްވެސް އެ އުސޫލުގައި ވަނީ ބުނެފައެވެ.
އަދި އަހަރީ ޗުއްޓީގެ ގޮތުގައި ލިބޭ 30 ދުވަސް ހަމަވެފައިވަނިކޮށް އާއިލީ ކަމެއް ދިމާވެއްޖެނަމަ، އޮފީހުގެ އުސޫލުގެ މަތީން މުސާރަ ނުހިނގާ ގޮތަށް އެ މުވައްޒަފަކަށް ޗުއްޓީ ދެވިދާނެ ކަމަށްވެސް އުސޫލަށް ގެނައި ބަދަލުގައި ވަނީ ބުނެފައެވެ.