ޚަބަރު

ތިނަދޫ ފެންބޮޑުވުން : 50 އަށްވުރެ ގިނަ ގެއަށް ގެއްލުންވެއްޖެ

އަހުމަދު ޖައިޝަން

ގދ. ތިނަދޫއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 50 އަށްވުރެ ގިނަ ގެއަށް އެކިވަރުގެ ގެއްލުންވެއްޖެ އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލަރު މަރިޔަމް ނަރީމާން ޝަރީފް ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ގެއްލުންވި ގެތަކަށް ކައުންސިލުން ޒިޔާރާތްކޮށް ބެލިއިރު އެ ގެތަކަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައި ކަމަށެވެ.

"މީގެކުރީން ވިއްސާރަކުރި ވަރަށްވުރެ ބޮޑަށް ވިއްސާރަކޮށްފައިވުމުން ގިނަ ގެތަކަކަށް ވަނީ ގެއްލުންވެފައި. އޭގެ ސަބަބުން ގެތަކުގައި ހިފައި ގެންގުޅޭ ތަކެއްޗާއި އެހެން މުދާތަކަށް ވަނީ ގެއްލުން ލިބިފައި،" ނަރީމާން ވިދާޅުވިއެވެ.

ނަރީމާން ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން އަންނަނީ ފެންބޮޑުވުމުގެ ސަބަބުން ގެއްލުން ވެފައިވާ ގެތައް ހުރި ސަރަހައްދަށް ވެލިއެޅުމުގެ މަސައްކަތް ކަމަށެވެ.

އަދި އެ މަސައްކަތުގައި ރަށުގެ ހުރިހާ ރައްޔިތުންވެސް ބައިވެރިވަމުން އަންނަ ކަމަށް ނަރީމާން ފާހަގަކުރެއްވި އެވެ.