ޚަބަރު

ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަނަކަށް އައްޔަންކުރުމަށް ލަތީފުގެ ނަން ފޮނުވައިފި

ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އައްޔަންކުރުމަށް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ފަރާތްޕުޅުން ސީވީޑް އަހްމަދު ލަތީފުގެ ނަން ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވައިފިއެވެ.

ލަތީފުގެ ނަން ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވިކަން އިއުލާންކޮށްދެއްވީ އިންތިހާބީ ރައީސް އިބޫގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މާރިޔާ ވިދާޅުވީ ދިވެހި ރައްޔިތުންނަށް ސަރުކާރެއްގެ ފަރާތުން ލިބެންޖެހޭ ހިދުމަތް އެ އޮންނަ އުސޫލާއެކު ފަސޭހަކަމާއި އަވަސްކަމާއެކީ ކޮށްދިނުމުގެ ކަންކަން މިހާރު އޮތީ ސިވިލް ސާވިސް ކޮމިޝަންގެ އަތްމަތީ ކަމަށާއި އެކަން ވީހާވެސް އަވަހަކަށް ހަމަޖައްސައި ދެއްވުމަށް އިންތިހާބީ ރައީސް އިބޫ އެދިލައްވާ ކަމަށެވެ.

"ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސިވިލް ސާވިސްއަށް ވަނީ ނަންފުޅެއް ފޮނުވާފައި. އެ ނަންފުޅަކީ ހ. ސީވީޑް، އަހްމަދު ލަތީފްގެ ނަންފުޅު. އަޅުގަނޑުމެން އުންމީދުކުރަން ޓްރާންސިޝަންގެ މި މަރުހަލާ، މިހާރުވެސް މި ދަންނަވާހެން އެތައް ބައިވަރު ކަންތައްތަކެއް ހިނގަމުންދާތީ، އެކަންކަން ހަމައަކަށް އަޅައިގެން ދިވެހި ރައްޔިތުންނަށް ސަރުކާރެއްގެ ފަރާތުން ލިބެންޖެހޭ ހިދުމަތް އެ އޮންނަ އުސޫލާއެކު ފަސޭހަކަމާއި އަވަސްކަމާއެކީ ކޮށްދިނުމަށް މިހާރު އޮތީ ސިވިލް ސާވިސް ކޮމިޝަންގެ އަތްޕުޅުމަތީގައި،" އޭނާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އައްޔަންކުރާ ބޭފުޅާއަށް ފަހިކޮށްދޭންޖެހޭ ކަންކަން ކޮށްދެއްވުމަށް އިބޫ ގޮވާލައްވާ ކަމަށެވެ.