އެންޓި ކެމްޕޭން ކުރާ ކަމަށް ބުނެ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރޮޒޭނާ އާދަމް އައްޑޫލައިވްއަށް ރައްދުދެއްވައިފި އެވެ.
ރޮޒޭނާ އައްޑޫލައިވްއަށް ރައްދުދެއްވައިފައި މި ވަނީ "ރޮޒޭނާ ވޯޓު ހޯދުމަށް ރައްޔިތުންގެ ގާތަށް އައުމުން ގިނަ ފާޑުކިޔުންތަކެއް." މި ސުރުހީގެ ދަށުން ލިޔެފައިވާ އާޓިކަލަކާ ގުޅިގެންނެވެ.
އައްޑޫލައިވްއަށް ރައްދުދެއްވަމުން ރޮޒޭނާ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނޫސްތަކަކީ ބައެއް ނޫސްވެރީން ދޮގު ހަބަރު ފަތުރައިގެން އެންޓި ކެމްޕޭން ކުރަން ބޭނުންކުރާ ހަތިޔާރަކަށް ބަދަލުކުރުމަކީ ޒިންމާދާރުކަން ކުޑަ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އެންޓި ކެމްޕޭން ކުރަންވެސް ތެދު ހެދުން މުހިންމު ކަމަށާއި އައްޑޫލައިވުން ކޮށްފައި ވަނީ ދެރަވަރު އަމަލެއް ކަމަށް ވެސް ރޮޒޭނާ ވަނީ ވިދާޅުވެފަ އެވެ.
އައްޑޫލައިވްގައި މި މަހުގެ ތިން ވަނަ ދުވަހު ޝާއިއުކުރި އެ އާޓިކަލްގައި ބުނެފައިވާ ގޮތުގައި 2014 ވަނަ އަހަރު ރޮޒޭނާގެ ކެމްޕޭނުގައި މުހިންމު ދައުރުތައް އަދާކުރި ފަރާތްތަކުން ވަނީ ވާދަވެރި އެހެން ކެންޑިޑޭޓުންނާ އެކު ހަރަކާތްތެރިވާން ފަށާފައެވެ. އޭގެ އިތުރުން ރޮޒޭނާގެ ކެމްޕޭނުގައި މިފަހަރު އިސްވެ ހަރަކާތްތެރިވާތަން ފެންނަނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް، ޔާމީނަށް ތާއީދުކުރި މީހުން ކަމަށް ވެސް އައްޑޫލައިވްގެ އާޓިކަލުގައި ބުނެފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން ރޮޒޭނާ އައްޑޫލައިވްއަށް ރައްދުދެއްވި އިރު އޭނާ ވަނީ 2014 ވަނަ އަހަރު އޭނާގެ ކެމްޕޭނުގައި ހަރަކާތްތެރިވި ޓީމާއި 2019 ވަނަ އަހަރު ހަރަކާތްތެރިވަމުން އަންނަ ޓީމު ކަމަށް ވިދާޅުވެ ދެ ފޮޓޯއެއްވެސް ޓުވީޓާ އެކު އެޓޭޗްކުރައްވައިފަ އެވެ.
"ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ރޮޒޭނާ މިއަދު ވިދާޅުވީ މައްސަލައަކީ ވަކި ގޮތަކަށް އާޓިކަލް ބައްޓަން ކުރުން ނޫން ކަމަށާއި އެހެން ނަމަވެސް ދޮގު މައުލޫމާތު ފެތުރުން ކަމަށެވެ. އެގޮތުން އޭނާއާ ގުޅޭ ގޮތުން އައްޑޫލައިވްގައި ޝާއިއުކޮށްފައި ވަނީ އެއްވެސް ހަގީގަތެެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑު އެ އޮތީ 2014 ވަނަ އަހަރު އަދި މި ފަހަރު އަޅުގަނޑުގެ ކެމްޕޭންގައި އުޅޭ ޓީމުގެ ފޮޓޯވެސް ވަކިވަކީން ފެންނަގޮތަށް ލާފަ. އޭރު ތިބި މީހުން މިހާރު އަޅުގަނޑާ އެކު ތިބިކަން ނުވަތަ ނޫންކަން އެއޮތީ ފެންނަން ނޫންތޯ؟. އެއީ އެއްބައެއްތޯ ބަލަންވީ ނޫންތޯ؟." ރޮޒެއިނާ ވިދާޅުވި އެވެ.
އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގެ ފޯރި ގަދަވެ ވާދަވެރިކަން ބޮޑުވެފައިވާ އިރު، އެ ދާއިރާގެ ޕްރައިމަރީގައި ރޮޒޭނާގެ އިތުރުން ދެން ވާދަކުރައްވަނީ އައްޑޫ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދު އާއި އިމާދު ސޯލިހު އެވެ.