ޚަބަރު

މޫސުން ގޯސްވުމުގެ ސަބަބުން ސަމާލުވުމަށް ޑިޒާސްޓާ މެނޭޖްމަންޓުން އެދިއްޖެ

މޫސުން ގޯސްވުމުގެ ސަބަބުން ސަމާލުވުމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އެދިއްޖެއެވެ.

ޑިޒާސްޓާ މެނޭޖްމަންޓުން މިއަދު އާންމު ކުރި ބަޔާނެއްގައި ވާގޮތުގައި މިއަދާއި މާދަމާ ދެކުނުގެ ބޮޑުބަޔަކަށް ވިއްސާރަވާނެކަމަށް ލަފާކުރެވޭ ކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މި ބަޔާނުގައި ވެއެވެ.

މިކަމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ސަމާލުވުމަށް ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ އަންގައިފައެވެ. އެގޮތުން ފެންބޮޑުވެދާނެކަމަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ގޭތެރެއަށް ފެން ނުވަންނާނެހެން ދުރާލާ ފިޔަވަޅު އެޅުމަށް ޑިޒާސްޓާ މެނޭޖްމަންޓް އިން އަންގައެވެ. މީގެ އިތުރުން ގޭތެރޭގައި ފެންބޮޑުވެއްޖެނަމަ ގެއްލުންވާނެ ފަދަ މުދާ އުސް ތަންތަނަށް ބަދަލު ކުރުމަށްވެސް ޑިޒާސްޓާ މެނޭޖްމަންޓުން މި ބަޔާނުގައި އިލްތިމާސްކުރިއެވެ. އަދި ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތަކުގެ މައުލޫމާތު 48 ގަޑިއިރު ތެރޭ ރަށު ނުވަތަ އަތޮޅު ކައުންސިލް މެދުވެރިކޮށް ޑިޒާސްޓާ މެނޭޖްމަންޓަށް އެންގުމަށް އެ ބަޔާނުގައި ވެއެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާއިރު، ވިއްސާރައިގެ ސަބަބުން މިއަދު ހެނދުނުވެސް ވަނީ ގދ. ތިނަދޫގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފްއިން ރަށުތެރެއިން ފެންހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރި ވެފައެވެ.