ޚަބަރު

ފިނިފެންމާ ލޯންޗުކޮޅު ގޮވި ހާދިސާގެ ވީޑިއޯގެ މައްސަލައިގައި ފުލުހުން ޕީޖީގެ ލަފާ ހޯދާނެ ކަމަށް ހަމީދު ވިދާޅުވެއްޖެ

މަރިޔަމް ޝަހުދާ

ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި ހާދިސާގެ ވީޑިއޯގެ މައްސަލައިގައި ފުލުހުން ޕީޖީގެ ލަފާ ހޯދާނެ ކަމަށް ފުލުހުންގެ އެކްޓިންގް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހަމީދު މިހެން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ. ހަމީދު ވަނީ މިހާރު ދައުރުވަމުންދާ ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި ހާދިސާގެ ދެ ވީޑިއޯއެއް ދައުރުވާއިރު އެ ދެ ވީޑިއާ މެދު ދެކެވޭ ވާހަކަތައް ބަލައި އެކަން ތަހުގީގު ކުރަން ޖެހޭތޯ ބެލުމަށް ޕީޖީއާ މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ޕީޖީން އެ މައްސަލަ ތަހުގީގު ކުރުމަށް ލަފާ އަރުވައިފިނަމަ ނުވަތަ ޝަރީއަތުން އެކަން ބަލަން ފުލުހުންނަށް އަންގައިފި ނަމަ އެކަން ތަހުގީގު ކުރުމަށް ފުލުހުން ތިބީ ތައްޔާރަށް ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.

ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލައާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ތަރުޖަމާނަކަށް ހުންނެވި އިބްރާހީމް މުއާޒު ވަނީ އެ ދުވަހުގެ ހާދިސާގައި އާދަޔާ ހިލާފު ކަންކަން ހުރި ކަމަށާއި، އެއްޗެއް ގޮވި އިރު އަލިފާނުގެ އަސަރު ފެނިފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ ފާއިތުވި އަހަރު އޭނާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިންނެވެ.

2015 ވަނަ އަހަރު ފިނިފެންމާ ލޯންޗް ގޮއްވާލި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމަނިކުފާނުގެ ދެ ބޮޑީގާޑުންގެ މައްޗަށް ވަނީ ކުށް ސާބިތުވެފައެވެ.