ޚަބަރު

16 ފަތުރުވެރިންނާއި އަށް ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ ސަފާރީއެއް ދިޔަވެއްޖެ

މަރިޔަމް ޝަހުދާ

16 ފަތުރުވެރިންނާއި 8 ފަޅުވެރިންނާއެކު ދަތުރު ކުރަމުން ދިޔަ ސަފާރީއެއް ދިޔަވާތީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި ދިޔަވެފައިވާ ސަފާރީއަކީ ވ. އަތޮޅުން މާލެއަށް ދަތުރުކުރަމުން އައި ސަފާރީއެކެވެ. މި ސަފާރީ ދިޔަވަމުންދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު 11:20 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މިހާރު ކޯސްޓްގާޑުން އެސަރަހައްދުގައި ހަރަކާތްރެރިވަމުންދާ ކަމަށާއި އެމްއެންޑީއެފްގެ ސީޖީގެ ލޯންޗެއް ދަނީ ސަފާރީ އޮތް ސަރަހައްދަށް ދިއުމަށް ދަތުރުކުރަމުން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ. މިހާދިސާ ހިނގި އިރު ދޯނީގައި ތިބި އެންމެނަށް ފިހާޅޮހި ރިސޯޓުން އުޅަނދެއްގެ އެހީތެރިކަން ހޯދަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ސަފާރީ ދިޔަވެފައިވަނީ ސަފާރީގެ ކުރީކޮޅު ފަޅައިގެން ގޮސްގެން ކަމަށާއި ނަމަވެސް ފަޅައިގެން ގޮސްފައިވަނީ އެކްސިޑެންޓެއް ވެގެން ނޫން ކަމަށެވެ. މިހާރު ސަފާރީ ދިޔަވުން ކޮންޓްރޯލް ކުރެވިފައިވާ އިރު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މިހާރު އެ ސަފާރީ އޮތީ ރިހިވެލި ބީޗް ރިސޯޓް ކައިރީ ފަޅެއްގައި އަޅާފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.