ޚަބަރު

ރާއްޖޭގެ ޓެކްސް ގާނޫނު ބަދަލު ކުރަންޖެހޭ: ނަޝީދު

މަރިޔަމް ޝަހުދާ

ރާއްޖޭގެ ޓެކްސް ގާނޫނު ބަދަލު ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީއަށް ވާދަކުރާ މުހައްމަދު އަބްދުލްކަރީމް (ރުކުމާ)ގެ ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނަޝީދުގެ ވާހަކަފުޅުގައި ވަނީ ކުރިން އެމްޑީޕީ ސަރުކާރުގައި ޓެކްސް ނެގުމުގެ އޮނިގަނޑަށް ގެނައި ބަދަލުތައް ފާހަގަކޮށް، ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބަށްފަހު ޓެކްސްގެ ގާނޫނަށް ބަދުލު ގެންނަންޖެހޭ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ނަޝީދު ވެރިކަމަށް އައި އިރު ދައުލަތުގެ ބަޖެޓަކީ ހަތް ބިލިއަން ރުފިޔާ ކަމަށާއި ސަރުކާރުން ޓެކްސްގެ ނިޒާމަށް ގެނައި ބަދަލާއެކު ދައުލަތުގެ އާމްދަނީ ރަނގަޅުވިކަން ވެސް ނަޝީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރިކާރުގެ ހުރިހާ ވައުދެއް ފުއްދޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ވައުދުތައް ފުއްދުމަށް އެމްޑީޕީ މެޖޯރިޓީއެއް މަޖިލީހުގައި އޮތުން މުހިއްމުކަން ނަޝީދު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ ނުލިބި ރައީސް އާއި ސަރުކާރަށް ލިބޭނީ ގެއްލުންކަމާއި ގާނޫނީ ބާރުވެރިކަން ނެތި އެމްޑީޕީގެ އުއްމީދުތައް ހަގީގަތަކަށޤ ނެހެދޭނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި އުފެދިގެން އަންނާނީ އިހުލާސްތެރި މަޖިލީހެއް ކަމަށާއި، މަޖިލީހުގައި މިފަހަރު އެމަނިކުފާނުވެސް އިންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.