ޚަބަރު

ބުރިޖު ހައިވޭމަތީ ފުރޮޅާލާފައި އޮތް ކާރެއް، މީހަކު ނެތް!

1

ސިނާމާލޭ ބުރިޖު ހައިވޭ މަތީގައި ފުރޮޅާލާފައި އޮތް ކާރެއް ފެނިއްޖެ އެވެ. އެހެން ނަމަވެސް އެ ކާރުގައި އެއްވެސް މީހަކު ނެތެވެ.

ކާރު ފުރޮޅާލާފައި އޮތް ސަރަހައްދުގައި މި ވަގުތު ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު، އެ ސަރަހައްދުގައި ހުރި "ވަން އޮންލައިން"ގެ ފޮޓޯގްރާފަރު މުހައްމަދު އައުޒަމް ބުނީ ކާރުގައި ތިބި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

ޕޮލިސް މީޑިއާ އޮފިޝަލު ފޯނު ނުނަންގަވާތީ މި ކަމުގައި ފުލުހުންގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފަ އެވެ.

މިއަދު ހެނދުނު ހުޅުމާލެއަށް ދިޔަ މީހަކު ކިޔައިދިން ގޮތުން "ވަން އޮންލައިން"އަށް އެނގިފައި ވަނީ އެ ހާދިސާ ހިނގާފައި ވަނީ ހެނދުނު 7:30 އާއި 8:00އާ ދެމެދު ކަމެވެ.

"އަހަރެން ހުޅުމާލެއަށް ދިޔައީ 7:30އެހާ އިރު. އޭރު ހައިވޭމަތީ އެކާރެއް ނެތް. އެނބުރި އައީ 8:00އެހާ އިރު. އޭރު އޮތް. އެއްވެސް މީހަކު ކާރުގައެއް ނެތް." ވަން އޮންލައިންއަށް މައުލޫމާތު ދިން މީހާ ބުންޏެވެ.



އޭނާ ބުނީ އޭރު އަދި ފުލުހުން އެތަނަށް ނުދާ ކަމަށާއި ކާރުގައި ހުރީ ބާރަށް ލަވަ ވެސް ޖަހާފައި ކަމަށެވެ.

"ވަން އޮންލައިން"ގެ ފޮޓޯގަރާފަރު، އައުޒަމް ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކާރު ފުރޮޅާލާފައި ވަނީ މަގުގެ އަރިމަތީގައި ހުރި ފެންސުގައި ޖެހިގެން ކަމަށް ބެލެވެ އެވެ.

އައުޒަމް ބުނި ގޮތުގައި ކާރުގެ އެއާ ބޭގް ވެސް އޮތީ ހުޅުވިފަ އެވެ. އަދި ހައިވޭ މަގުގައި ނުވަތަ ކާރު ތެރެއިން ވެސް ލޭ ފެންނާކަށް ނެތެވެ.

"އަހަރެން މި އައީ ހުޅުމާލޭ ހޮސްޕިޓަލަށް ވެސް ގޮސްފަ. އެތަނަށް ބަޔަކު ގެންގޮސްފައެއް ނެތް." އައުޒަމް ބުންޏެވެ.

އޭޑީކޭ ހޮސްޕިޓަލަށް ގުޅުމުން ބުނީ އެކްސިޑެންޓެއް ވެގެން މިއަދު އެ ހޮސްޕިޓަލަށް އެއްވެސް ބަޔަކު ގެންގޮސްފައި ނުވާ ކަމަށެވެ.

"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި އާރްޓީއޭ، (ރޯޑް ޓްރެފެކް އެކްސިޑެންޓް)ގެ ކޭސްއެއް މިއަދު ހެެނދުނު އައިޖީއެމްއެޗްގައި ވަނީ ލޮގްކޮށްފަ އެވެ. ހަށިގަނޑުގެ އެކި ތަންތަނުން މަށައިގެންގޮސްގެން ގެންދިޔަ އެ މީހަކީ 20 އަހަރުގެ ޒުވާނެކެވެ. އެހެން ނަމަވެސް އެއީ މި އެކްސިޑެންޓްގައި ޒަހަމްވެގެން ގެންދިޔަ މީހާ ކަމެއް ޔަގީނެއް ނުވެ އެވެ.

ފުރޮޅާލާފައިވާ ކާރު --- ވަން ވީޑިއޯ: މުހައްމަދު އައުޒަމް
ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟