ލިޔެކިޔުންތައް ނައްތާނުލުމަށް ދައުލަތުގެ އިދާރާތަކަށް ގައުމީ އަރުޝީފުން އަންގައިފިއެވެ.
ރަސްމީ ލިޔެކިޔުންތަކާއި ރެކޯޑުތައް ނައްތާނުލުމަށް އެންގީ ދައުލަތުގެ ހުރިހާ އިދާރާއަކަށް ގައުމީ އަރުޝީފުން ފޮނުވި ސާކިއުލާއަކުންނެވެ.
ލިޔެކިޔުންތައް ނައްތާނުލުމަށް ގައުމީ އަރުޝީފުން ދައުލަތުގެ އިދާރާތަކަށް މިއަދު އެންގި އިރު، ދައުލަތުގެ އިދާރާތަކުން ލިޔެކިޔުންތައް ނައްތާލާކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެގޮތުން އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ކޮންމެ ދުވަހަކުހެން އެކަން ތަކުރާރު ކުރައްވަމުން ގެންދަވައެވެ.
މީގެ ކުރިން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެފައިވާ ގޮތުގައި ދައުލަތުގެ މުހިންމު ލިޔެކިޔުމެއް ނައްތާލާފައި ނުވާނެއެވެ. އެކަމަށް ރައްދުދެއްވައި މާރިޔާ ވިދާޅުވެފައިވަނީ މުހިންމުތޯ މުހިންމު ނޫންތޯ އެއީ ބަލަން ޖެހޭ ކަމެއް ނޫން ކަމަށާއި އެއްވެސް ލިޔެކިޔުމެއް ނައްތާނުލެވޭނެ ކަމަށެވެ.
ގާނޫނުގައި އޮންނަ ގޮތުން ދައުލަތުގެ އެއްވެސް އިދާރާއަކަށް ލިޔެކިޔުންތައް ނައްތާލެވޭނީ ގައުމީ އަރުޝީފަށް އެނގިގެންނެވެ.