ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމުގައި ހުންނެވި އަހްމަދު އުޝާމް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމުން އުޝާމް އިސްތިއުފާ ދެއްވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.
އުޝާމް އިސްތިއުފާ ދެއްވާފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމަށް ހަދީޖާ ޝަބީން އައްޔަންކުރައްވާފައި ވަނިކޮށެވެ. އެމަގާމަށް ހަދީޖާ ޝަބީން އައްޔަންކުރައްވާފައިވަނީ އިއްޔެއެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވި އުޝާމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ވެސް އެ މަގާމު އަދާކުރައްވައިފައެވެ.