ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހި ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ މޭޖަރ ޖެނެރަލް (ރިޓަޔާޑް) ބީ.އާރ.ޑަބްލިއު.އެމް.އާރ.އޭ.ބީ. ތޮރަޑެނިޔަ މަޝްވަރާ ކުރައްވައިފިއެވެ.
ދެ ބޭފުޅުން މި ކަމާމެދު މަޝްވަރާ ކުރެއްވީ ސްރީލަންކާގެ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސްރީލަންކާއަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރި ގައުމުކަމުގައި ވިދާޅުވެ، ސްރީލަންކާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުވީ ފަހުން 54 އަހަރުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ކުރިއެރުމުގައި ސްރީލަންކާ ރައްޔިތުންގެ ހިއްސާ މުހިންމުކަން ފާހަގަކުރައްވައި، އެކި ބޭނުންތަކަށް ސްރިލަންކާއަށް ޒިޔާރަތްކުރާ ދިވެހިންނަށާއި އެގައުމުގައި ދިރިއުޅޭ 10,000 އަށްވުރެ ގިނަ ދިވެހިންނާއި ދޭތެރޭ ސްރީލަންކާއިން ބަހައްޓާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ސްރީލަންކާގެ ވަރަށް ގިނަ ރައްޔިތުންނަށް ވަޒީފާ އަދާކުރަން މަގުބޫލު މަންޒިލެއް ކަމުގައި ވިދާޅުވެ، ރާއްޖޭގައި ގިނަ އަދަދެއްގެ ސްރީލަންކާ ރައްޔިތުން ވަޒީފާ އަދާކުރާކަން ފަހަގަކުރެއްވިއެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ހޯއްދެވި ކާމިޔާބީއަކީ ދިވެހިންގެ އަޒުމް ވަރުގަދަކަން ސާބިތުކޮށްދިން ކަމެއް ކަމަށް ސްރީލަންކާ ސަފީރު ވިދާޅުވިއެވެ.