ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސްރީލަންކާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް މިއަދު ލަންކާއަށް ފުރާވަޑައިގެންނެވީ ތިން ދުވަހުގެ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ. ނަމަވެސް އެ ދަތުރުފުޅުގެ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
ރައީސް ވަނީ މިދިޔަ މަހުގެ ތެރޭގައި އިންޑިއާއަށް ދަތުރުފުޅެއް ކުރައްވައިފައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދައުވަތަކަށް ކުރެއްވި އެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރާއި ރައީސާއި ނައިބު ރައީސްގެ އިތުރުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ ރައީސް ބައްދަލުކުރެއްވިއެވެ.
އެ ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވައިފައެވެ. އަދި ދެ ގައުމުގެ ފަރާތުން ރައީސް ސޯލިހާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިދަތުރުފުޅާ ބެހޭގޮތުން ގުޅިފައިވާ ބަޔާނެއް ދެއްވައިފައެވެ. ނޫސްވެރިންނާ ބައްދަލުކުރައްވައި ދެބޭފުޅުން ދެއްވި ގުޅިފައިވާ މިބަޔާނުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ނިންމެވި މުހިންމު ނިންމެވުންތަކުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ.
އިންޑިއާ އިން ވަނީ ރާއްޖެއަށް ލައިން އޮފް ކްރެޑިޓްގެ ގޮތުގައި 1.4 ބިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް އެއްބަސްވެފައެވެ.