ޚަބަރު

ކަޅުވަކަރު މިސްކިތް، ކުރީގެ ދިރާގު އޮފީސް ހުރި ބިމުގައި ބަހައްޓަން ނިންމައިފި

މަރިޔަމް ޝަހުދާ

ކަޅުވަކަރު މިސްކިތް ކުރީގެ ދިރާގު އޮފީސް ހުރި ބިމުގައި ބަހައްޓަން މިނިސްޓްރީ އޮފް އާޓްސް، ކަލްޗާރ އެންޑް ހެރިޓޭޖުން ނިންމައިފިއެވެ.

އެ މިނިސްޓްރީން މިއަދު އެކަން އިއުލާނުކޮށްފައިވަނީ އެ މިނިސްޓްރީގެ ފަރާތުން ނެރުނު ބަޔާނެއް މެދުވެރިކޮށެވެ. މި ބަޔާނުގައި ވާގޮތުން ކަޅުވަކަރު މިސްކިތް ކުރިން ދިރާގު އޮފީސް ހުރި ބިމުގައި ބެހެއްޓުމަށް ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިސްކިތް ރޭވުމުގެ މަސައްކަތުގެ ތެރެއިން މިއަދު ވަނީ މިނިސްޓްރީގެ ފަރާތުން ކަޅުވަކަރު މިސްކިތުގެ ލަކުޑީގެ ބައިތަކަށް ފަރުވާ ދިނުމުގެ މަސައްކަތްތައް ފަށާފައެވެ.

ކަޅުވަކަރު މިސްކިތަކީ ލިލީމަގު ސަލްޓަން ޕާކު ސަރަހައްދު ކަންމައްޗަކަށް ވާގޮތަށް ކުރިން ހުރި މިސްކިތެކެވެ. 2016 ވަނަ އަހަރު ސަލްޓަން ޕާކު ރަސްރަނި ބަގީޗާގެ ގޮތުގައި ތަރައްގީ ކުރުމަށް ރޫޅާލުމަށް ފަހު އެ މިސްކިތް ވަކި ތަނެއްގައި ބެހެއްޓުގެ މަސައްކަތް ކުރީގެ ސަރުކާރުން ކުރި ނަމަވެސް މިސްކިތާ މެދު ވަކި ގޮތެއް އެ ސަރުކާރަށް ވަނީ ނުނިންމިފައެވެ. ކަޅުވަކަރު މިސްކިތް އަލުން ރާވާ ބެހެއްޓުމަކީ ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.