ދައުލަތުގެ އެކި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ އެއް ހަމައެއްގައި ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް މިއަހަރު ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަހަރު ކުރުމަށް ހަމަޖެހިފައިވާ މުހިއްމު މަސައްކަތްތައް ހާމަކުރުމަށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުސާރައިގެ އޮނިގަނޑު މުރާޖައާ ކުރުމުގެ މަސައްކަތް މިއަހަރު ކުރާނެ ކަމަށެވެ.
މުސާރައިގެ އިތުރުން ސަަރުކާރުގެ ކުންފުނިތަކާ ގުޅޭ އެހެން ބަދަލުތައްވެސް ގެންނާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެގޮތުން މި އަހަރުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދުތައް މުރާޖާކުރުމަށް ފަހު، މިހާރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އިސްލާހުކުރުމުގެ މަސައްކަތްކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އަދި މިނިސްޓްރީން ބުނެފައިވަނީ ކުންފުނިތަކުގެ ޕާފޯމަންސަށް ބަލައި ކުންފުނިތައް ގިންތި ކުރުމުގެ މަސައްކަތްކުރާނެ ކަމަށެވެ.