"ކަރިޝްމާ ޕާޓީ މޯލްޑިވްސް" އާއި "ނޭޝަނަލް ރިފޯމް ޕާޓީ"ގެ ނަމުގައި މުޅިން އާ ދެ ސިޔާސީ ޕާޓީ އުފެއްދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ކަރިޝްމާ ޕާޓީ މޯލްޑިވްސްގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފައި ވަނީ މ. ކެލަމް، މުހައްމަދު އިސްމާއީލެވެ. އަދި ނޭޝަނަލް ރިފޯމް ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާފައި ވަނީ ސ. ފޭދޫ، އިނގުރުމާގެ، ޝެއިޚް މުހައްމަދު ދީދީއަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ "ވަން އޮންލައިން"އަށް ވިދާޅުވި ގޮތުގައި މި ދެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމުގެ ކުރީން ކޮމިޝަނުން ބަލަން ޖެހޭ ކަންކަން މިހާރު ގެންދަވަނީ ބައްލަވަމުންނެވެ. އިތުރު މައްސަލައެއް ނޫޅޭ ނަމަ އަންނަ ހަފުތާގައި އެ ދެ ޕާޓީ އުފެއްދުމަށް ކުރާން ޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.