އަމީތާބް ބަޗަން

އަމީތާބުގެ އަޑު އެލެކްސާއަށް

އީމާ މުހައްމަދު ވަހީދު

އެމެޒޯން އެލެކްސާގެ ޑިޖިޓަލް އެސިސްޓެންޓް މެދުވެރިކޮށް ވަރަށް އަވަހަށް ބޮލީވުޑްގެ މަޝްހޫރު ބަތަލު އަމީތާބު ބަޗަން ގެ އަޑު އިވޭނެ ކަމުގެ އުފާވެރި ހަބަރު އެމޭޒަން އިން ދީފިއެވެ.

އުމުރުން 77 އަހަރުގެ އަމީތާބުގެ އަޑު އެލެކްސާ މެދުވެރިކޮށް އެހޭނެ ކަމުގެ އުފާވެރި ހަބަރުދީފައިވާއިރު، އަމީތާބުގެ އަޑު ވެގެން ގޮސްފައިވަނީ އެމެޒޯން އެލެކްސާގެ ޑިޖިޓަލް އެސިސްޓެންޓް މެދުވެރިކޮށް އަޑުއަހައިލެވޭ ފުރަތަމަ ބޮލީވުޑް ތަރީގެ އަޑަށެވެ.

އެގޮތުން މިއަންނަ އަހަރުން ފެށިގެން އެލެކްސާ މެދުވެރިކޮށް އަޑު އެހޭ މޫސުން، ޕޮއެޓްރީ، މޯޓިވޭޝަނަލް ބަސްކޮޅު، ނަސޭހަތް އަދި ޖޯކު ފަދަ އެއްޗެހި ދެން އިވޭނީ އަމީތާބުގެ އަޑުންނެވެ.

އަމީތާބުގެ އަޑު މިއަންނަ އަހަރުގެ މާޗު މަހުން ފެށިގެން އެލެކްސާ މެދުވެރިކޮށް އެހޭ ގޮތް ވުމަކީ އޭނާގެ ފޭނުންނަށް ލިބުނު ވަރަށް އުފާވެރި ހަބަރެކެވެ. އަމީތާބަކީ ބޮލީވުޑްގައި މިވަގުތު ހުރި އެންމެ މަޝްހޫރު ބަތަލެވެ. އިންޑިއާގެ ގިނަ ބައެއްގެ މެދުގައި މީގެ ކުރީން ނަގާފައިވާ ބައެއް ޕޯލްތަކުން އެނގިފައިވާ ގޮތުގައި އެ ގައުމުގެ އެންމެ ގިނަ ބަޔަކަށް އެންމެ ކަމުދާ އެއް އަޑަކީވެސް އަމީތާބުގެ އަޑެވެ.