ޚަބަރު

ސިޔާސީގޮތުން ހިޔާލު ތަފާތުވި ދުވަސްވަރު ވެސް ހުސައިންއާ މަޝްވަރާކުރިން، ވަރަށް ރަނގަޅު ލަފާ ދެއްވި: ރައީސް

އަލީ އަފާފު ރަމީޒު

ސިޔާސީގޮތުން ހިޔާލު ތަފާތުވި ދުވަސްވަރު ވެސް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދާ މަޝްވަރާކުރެއްވި ކަމަށާއި އޭރުވެސް ވަރަށް ރަނގަޅު ލަފާ ދެއްވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީން އިންތިޒާމުކޮށްގެން މިރޭ ވާޗުއަލްކޮށް ބޭއްވި ހުސެއިން މުހައްމަދުގެ ތައުބީން ޖަލްސާގައެވެ. ހުސެއިން މުހައްމަދު އަވަހާރަވެފައިވަނީ މި މަހުގެ ތިންވަނަ ދުވަހު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވީ ހުސެއިންއާ މަޖިލީހުގެ ތެރެއިން ބައްދަލުވި އިރު، މަސައްކަތްކުރައްވަން ޖެހުނީ ހިޔާލު ތަފާތު ދެ ޕާޓީއެއްގައި ކަމަށެވެ. ނަމަވެސް ހިޔާލު ތަފާތުވުންތައް އެކަހެރިކޮށް، ހުސެއިންގެ މަޝްވަރާ އެދުވަސްވަރުވެސް ހޯއްދެވި ކަމަށް ރައީސް ވިދާޅުވިއެވެ.

"ފުރަތަމަ އަޅުގަނޑާއި ހުސެއިންއާ މަސައްކަތްކުރައްވަން ޖެހުނީ ހިޔާލު ތަފާތު ދެ ޕާޓީއެއްގައިި. އަޅުގަނޑު އެމްޑީޕީގައި މަސައްކަތް ކުރައްވަމުން ގެންދެވި އިރު، ހުސެއިން ހުންނެވީ އޭރު ސަރުކާރަށް ތާއީދުކުރައްވާ މެންބަރެއްގެ ގޮތުގައި. ހިޔާލު ކިތަންމެ ތަފާތުވި ނަމަވެސް ވަރަށް ގިނަ ކަންތައްތަކުގައި އަޅުގަނޑު އޭރުވެސް ދިޔައީ ހުސެއިންއާ މަޝްވަރާކުރަމުން. ވަރަށް ރަނގަޅު ލަފާ ދެއްވި. ކެތްތެރިކަމާއެކީގައި މަސައްކަތް ކުރުމަށް އިރުޝާދު ދެއްވި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުސެއިން މުހައްމަދާއި އެމަނިކުފާނު އެންމެ ފުރަތަމަ ބައްދަލުވީ މީގެ 32 އަހަރު ކުރިން ކަމަށާއި ޓީވީ މޯލްޑިވްސްގައި މަސައްކަތް ކުރެއްވިއިރު ހުސެއިން މުހައްމަދަކީ އެމަނިކުފާނުގެ ވެރިމީހާ ކަމަށެވެ. ހުސެއިންއަކީ ރައީސަށް އިތުބާރުކުރައްވައި ވަރަށް ގިނަ މަސައްކަތްތަކެއް ހަވާލުކުރެއްވި ބޭފުޅެއް ކަމަށާއި ވަރަށް ހެޔޮ އެދޭ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓީވީއެމްގައި މަސައްކަތްކުރި ދުވަސްވަރު ހުސެއިން، އެމަނިކުފާނާ ވަރަށް ގިނަ މަސައްކަތްތައް ހަވާލުކުރެއްވި ކަމަށާއި އެގޮތުން އެންމެ ފާހަގަކުރެވޭ އެއް މަސައްކަތަކީ އޭރު ބާއްވަމުން ގެންދިޔަ އަތޮޅުވެރިންގެ ބައްދަލުވުމުގައި ޓީވީއެމް ތަމްސީލުކުރުމަށް ދެއްވި ފުރުސަތު ކަމަށެވެ.

"އެ ބައްދަލުވުން ވެގެންދިޔައީ ގައުމުގައި ހުރި ކަންކަމަށް ލޯހުޅުވިގެންދިޔަ އެއް ބައްދަލުވުމަކަށް. އަޅުގަނޑު ސިޔާސީ މައިދާނަށް ނުކުންނަން ދިމާވި އެއް ސަބަބު ކަމުގައިވެސް ވެގެންދާނެ. އަޅުގަނޑުގެ ސިކުނޑި ގައުމުގައި ހުރި ގިނަ މަސައްކަތްތަކަށް ހުޅުވިގެންދިޔަ އެއް ފުރުސަތަށް އެ ފުރުސަތު ވެގެންދިޔައީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޯލިޝަން ހައްދަވައިގެން މަސައްކަތް ކުރެއްވިއިރު ހުސެއިން، އެމަނިކުފާނަށް ވަކިން ގުޅުއްވައި އަދި ވަކިން ބައްދަލުކުރައްވައި ވަރަށް ގިނަ އިރުޝާދުތައް ދެއްވި ކަމަށާއި އެ ހަނދާންތައް މިއަދުވެސް އެބަހުރި ކަމަށެވެ.

އެންމެ ފަހުން ހުސެއިންއާ ވާހަކަދެއްކެވީ ވަކިވެދިޔުމުގެ ހަފުތާއެއްހާ ދުވަސް ކުރިން ފޯނުން ގުޅުއްވައި ކަމަށް ރައީީސް ވިދާޅުވިއެވެ. އެދުވަހުވެސް މަސައްކަތްކުރަންވީ ގޮތާއި މަގާމުގެ ހައިސިއްޔަތުން އެމަނިކުފާނު ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ފެނިވަޑައިގަންނަވާ ގޮތް ވަރަށް ސާފުކޮށް ކިޔައިދެއްވި ކަމަށްވެސް ވިދާޅުވިއެވެ.