ސިއްހަތަށް ރަނގަޅުނޫން ބާވަތްތަކާ މެދު ހޭލުންތެރިކޮށް ފައިދާހުރި ލައިފްސްޓައިލު ޕްރޮމޯޓުކުރުމަށް އެކުލަވައިލި ހެލްތު ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑުގެ މެންބަރު އަހުމަދު މަރުޒޫގު އިސްތިއުފާ ދެއްވައިފި އެވެ.
މަރުޒޫގު މިދިޔަ އަންގާރަ ދުވަހު ހެލްތު މިނިސްޓްރީއަށް ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވީ އެމަގާމުން އިސްތިއުފާން ދެއްވުމަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީގެ ޕަރައިމަރީގައި ވާދަކުރައްވާތީ ކަމަށެވެ.
"ޕްރައިމަރީއަށް ކެމްޕެއިން ކުރަމުންދަނިކޮށް މިފަދަ މަގާމަކަށް އަޅުގަނޑު އައްޔަން ކުރުމަކީ ސަރުކާރުގެ ފަރާތުން އަޅުގަނޑަށް ލިބޭ އެންޑޯސްމެންޓަކަށް ވުމުން މިއީ އަޅުގަނޑާ ވާދަކުރާ ކެނޑިޑޭޓަށް ލިބޭނެ ދެރައަކަށް ވާނެ ކަމަށް އަޅުގަނޑަށް ފެންނާނެތީވެ މިއަދުން ފެށިގެން ބޯޑުން އިސްތިއުފާ ދިނުމަށް ނިންމައިފީމެވެ،" މަރުޒޫގު ވިދާޅުވިއެވެ.
ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން މީޑިއާގެ ފަރާތްތައް އެކުލެވޭ ގޮތަށް އެކުލަވައިލި އެ ބޯޑުގެ މައިގަނޑު މަގްސަދަކީ އެކި ބަލިތަކަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކަށް ސަރުކާރަށް ލަފާ ދިނުމެވެ.
އެ ބޯޑުގައި މަރުޒޫގު ފިޔަވާ އިތުރު ހަތް މެމްބަރުން ހިމެނެއެވެ. އެއީ :
- މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން ހަދީޖާ އަބްދުއް ސަމަދު
- ހެލްތް ޕްރޮޓެކްޝަން އޭޖެންސީ ގެ ފަރާތުން މައިމޫނާ އަބޫބަކުރު
- މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގެ ފަރާތުން ތޫމާ އާދަމް
- މިނިސްޓްރީ އޮފް އެޑިއުކޭޝަން ގެ ފަރާތުން ހުސައިން ރަޝީދު
- މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ގެ ފަރާތުން ޑރ. ނިޔާޝާ އިބްރާހީމް
- މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ފަރާތުން އަޒްމީ އަލީ
- މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން ގެ ފަރާތުން އަހްމަދު ރާޝިދު