މޯލްޑިވްސް ކަސްޓަމްސްގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ފޯރުކޮށްދޭ ހިދުމަތްތަކަށް ލުއިފަސޭހަ ގެނައުމަށްޓަކައި ކަސްޓަމްސްއިން ގިނަ ލަނޑުދަނޑިތަކެއް ކަނޑައަޅައިފި އެވެ.
ކަސްޓަމްސް ބިލްޑިންގުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް އަހުމަދު ނުއުމާން ވިދާޅުވީ ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ގެނެސްދިނުމަށް މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ފުރިހަމަ ކުރަން ލަނޑުދަނޑިތަކެއް ވަނީ ކަނޑައަޅާފައި ކަމަށެވެ.
އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް އެފަރާތްތަކަށް ދިމާވާ ދަތިތައް އޮންލައިންކޮށް ދެނެގަތުމާއި އޮންލައިން ވިޔަފާރިކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނުއުމާން ވިދާޅުވީ މިހާރު ކަސްޓަމްސްއިން ފޯރުކޮށްދޭ ހިދުމަތްތަކަށް ސިޓީން އެދުމުގެ ބަދަލުގައި އޮންލައިން ޕޯޓަލްއެއް އެކުލަވައިލުމުގެ މަސައްކަތް ވެސް ކުރަމުން ގެންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ ވަރަށް ގިނަ ހިދުމަތްތަކެއް މި ދެނީ މެނުއަލްކޮށް. މިހާރު މަސައްކަތް މިކުރަނީ އެ މަސައްކަތްތައް ބަދަލުކުރުމަށް." އޭނާ ވިދާޅުވިއެވެ.