ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސް އަދި ވަޒީރުންގެ މާލީ ބަޔާން އަންނަ ހަފުތާގައި އާންމުކުރަނީ

ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަދި ދައުލަތުގެ ވަޒީރުންގެ މާލީ ބަޔާން އަންނަ ހަފުތާގައި އާންމުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ސަރުކާރުގެ 100 ދުވަހުގެ ވައުދުތައް ހާސިލުވި މިންވަރާ ގުޅޭ ގޮތުން މީޑިއާތަކަށް މިއަދު ދިން ޕްރެޒެންޓޭޝަނުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ރައީސް އޮފީހުގެ ސިޔާސީ ބޭފުޅުންގެ މާލީ ބަޔާން އާންމުކުރަން ނިންމީ ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި އޭސީސީ އާ މަޝްވަރާކުރުމަށްފަހު ކަމަށެވެ.

އަދި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ މާލީ ބަޔާން ވެސް ކުރިއަށް އޮތް ތަނުގައި އާންމުންނަށް ފެންނާނެ ގޮތަށް އާންމު ކުރައްވާނެ ކަމަށް ހޫދު ވިދާޅުވިއެވެ.

ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން އާންމު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.