ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ބޭފުޅެއްގެ ނަމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
އެންއައިސީއަށް އައްޔަންކުރުމަށް މަޖިލީހަށް ރައީސް ފޮނުއްވީ ކޮން ބޭފުޅެއްގެ ނަމެއް ކަމެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޖުމުލަ 17 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފައެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެންއައިސީއަށް އާ މެންބަރުން އައްޔަން ކުރަން ނިންމީ އެ ކޮމިޝަނުގައި ތިއްބެވި މެންބަރުންގެ ތެރެއިން ތިން މެންބަރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި އެބޭފުޅުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ތައްޔާރުވެފައި ވަނިކޮށް ދެ މެންބަރަކު އިސްތިއުފާ ދެއްވުމާއި މަޖިލީހުން އެރުވި ލަފަޔާ އެއްގޮތަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނު ވަކިކުރެއްވުމާ ގުޅިގެންނެވެ.