ޚަބަރު

އަދީބުގެ ސިއްހީ މައްސަލަ ސިޔާސީ ނުކޮށް ގެއަށް ބަދަލު ކޮށްދިނުމަށް އެމްޓީޑީން ގޮވާލައިފި

އަހުމަދު ޖައިޝަން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސް އަހުމަދު އަދީބުގެ ސިއްހީ މައްސަލަ ސިޔާސީ ނުކޮށް ޑޮކްޓަރުންގެ ލަފަޔާ އެއްގޮތަށް ގޭގައި ބެހެއްޓުމަށް އެ ޕާޓީން ގޮވާލައިފި އެވެ.

ގޭ ބަންދުގައި ހުންނަވަނިކޮށް އަދީބު އަނބުރައި ޖަލަށް ގެންގޮސްފަނީ ރޭގެ ވަގުތެއްގައެވެ.

އެމްޓީޑީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިމަހު 27އާ ހަމައަށް އަދީބު ގޭބަންދަށް ބަދަލުކުރައްވާފައިވާ ކަމަށާއި ކުއްލި ގޮތަކަށް އެމަނިކުފާނު އަލުން އަނބުރައި ޖަލަށް ބަދަލުކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދީބު ގޭބަންދުގައި ހުންނަވައިގެން ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދަވާފައި ވަނީ ހޯމް މިނިސްޓްރީ އާއި ކަރެކްޝަނަލް ސާވިސްގެ ފުރިހަމަ އެއްބާރުލުމާ އެކުގައި ކަމަށް އެމްޓީޑީން ވަނީ ބުނެފައެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި އަދީބުގެ ބޭސްފަރުވާއަށް އެއްބާރުލުންދީ، ޑޮކްޓަރުންގެ ލަފާދޭ މުއްދަތަކަށް ގޭގައި ބަހައްޓައި ބޭސްފަރުވާކުރުމުގެ ފުރުސަތު ދެއްވާނެ ކަމުގެ ޔަގީންކަންދެއްވިތާ މާގިނަ އިރުތަކެއް ނުވެ އަދީބު ހައްޔަރުކުރައްވާފައިވާ ކަމަށާއި އެކަން ހަރުކަރި އިބްރާތުން ކުށްވެރިކުރާ ކަމަށް ވެސް އެމްޓީޑީން ބުންޏެވެ.

އަދީބުގެ ސިއްހީ ހާލަތު ސިޔާސީ ނުކޮށް އެ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް އެމްޓީޑީން ވަނީ ގޮވާލާފައެވެ.

އެމްޓީޑީން ބުނީ އަދީބުގެ ބޭސްފަރުވާގެ ކަންކަން ކަށަވަރުކޮށް އެމަނިކުފާނު ގެއަށް ބަދަލުކުރުމަށްޓަކައި އެ ޕާޓީން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.