ޚަބަރު

މުހުތާޒާއި ކާނަލް ނާޒިމް އައިޖީއެމްއެޗަށް ގެންގޮސްފި

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އައިޖީއެމްއެޗަށް ގެންގޮސްފިއެވެ.

"ވަން އޮންލައިނަށް" އެނގިފައިވާގޮތުގައި ކާނަލް ނާޒިމާއި މުހުތާޒު މިއަދު ހެނދުނު އައިޖީއެމްއެޗަށް ގެންގޮސްފައި ވަނީ ޑޮކްޓަރަށް ދެއްކުމަށްޓަކައެވެ. އެކަމުގެ ތަފްސީލް އަދި ނުލިބެއެވެ.

ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭނާގެ މައްޗަށް ކުރީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ދައުވާއެވެ.

އެ ދައުވާ ކުރީ ކާނަލް ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ބުނެއެވެ. ކާނަލް ނާޒިމަށް އިއްވި ހުކުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފައި ވަނިކޮށް ފުލުހުން ބުނެފައި ވަނީ އެގެއިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ ޑީއެންއޭ ފެނުނު ކަމަށް ބުނެފައެވެ.

މި އަހަރުގެ ތެރޭގައި ޖަލުގައި އޮންނަވައިގެން ނެރުއްވި ބަޔާނެއްގައި އަދީބު ވަނީ ކާނަލް ނާޒިމް ވަނީ ފްރޭމްކޮށްފައި ކަމަށް ވިދާޅުވެފައެވެ. ކާނަލް ނާޒިމް ފްރޭމްކުރި ކަމުގެ ހެކި ލިބިފައިވާ ކަމަށް އޭނާގެ އާއިލާ އިން ވެސް ވަނީ މީގެކުރިން ބުނެފައެވެ.
ކާނަލް ނާޒިމްގެ މައްސަލަ އަލުން މުރާޖާކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅިނަމަވެސް، އެ މައްސަލަ ކުރިއަކަށް ނުދެއެވެ.

ކުރީގެ ޕީޖީ މުހުތާޒު 17 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރުކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގާނޫނާ ޚިލާފަށް ހައްޔަރުކުރަން އުޅުނުކަން ސާބިތުވުމުންނެވެ.