ޚަބަރު

މަގުމައްޗަށް ކުނި އެޅުމުގެ ސަބަބުން މީހަކު ޖޫރިމަނާ ކޮށްފި

މަރިޔަމް ޝަހުދާ

މަގުމައްޗަށް ކުނި އެޅުމުގެ ސަބަބުން މާލޭގައި މީހަކު ޖޫރިމަނާ ކޮށްފިއެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭ އިން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އެއިދާރާއިން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ހ. ސަދުބަރަކާގެ ކަންމައްޗަށް ކުނި އެޅުމުގެ ސަބަބުން ހ. ހަނދުވަރުދޭގޭގައި އުޅޭ މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. އޭނާ ޖޫރިމަނާކޮށްފައި ވަނީ ކުނި މެނޭޖްކުރުމާ ބެހޭ ގަވައިދުގެ ދަށުންނެވެ.

ކުނި މެނޭޖްކުރުމާ ބެހޭ ގަވައިދު ތަންފީޒުކުރުމަށް ފުލުހުންގެ ފަރާތުން ލިބޭ އެހީތެރިކަމަށް އީޕީއޭ އިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ފާއިތުވި އަހަރުތެރޭ އެންވަޔަރަމަންޓް ޕޮލިސް ތައާރަފްކުރުމާއެކު، މަގުތަކަށް ކުނި އަޅާ މީހުން ފާހަގަކޮށް ގަވައިދާ ހިލާފަށް މާލެތެރެއަށް ކުނި އަޅާ މީހުން ޖޫރިމަނާ ކުރުމުގެ މަސައްކަތް އަލުން ވަނީ ފަށާފައެވެ.