މިއަހަރަކީ ހަމަށް އެންމެ ރަނގަޅު އަހަރު ކަމުގައި ހަދަން ބޭނުން ނަމަ ކުރަން އަޒުމް ކަނޑައަޅަން ޖެހޭ މުހިއްމު ބައެއް ކަންކަން އެބަހުއްޓެވެ. އެއީ ސަން ސްކްރީން ހޭކުމުން ފެށިގެން މޭކަޕް ކުރާ ބްރަޝްތައް ދޮވުން ކަމުގައި ވިއަސް މި އާޓިކަލުގައި މި ބަލައިލާ ފަސް ކަމަކީ ރީތި އުޖާލާ ހަމެއް ބޭނުންނަމަ ކުރުން މުހިއްމު ކަންކަމެވެ.
1. ސަން ސްކްރީން މިސް ނުކުރުން
ކޮންމެ ދުވަހަކުވެސް ސަން ސްކްރީން ހޭކުމަކީ މުހިއްމު ކަމެކެވެ. އަދި ސަން ސްކްރީން ހާކަން ވާނީ ގެއިން ނުކުތުމުގެ 15 މިނިޓް ކުރިންނެވެ. އެއީ އަވިދީފައި ނެތަސް ވިއްސާރަޔަސް އަދި ފިނި މޫސުން ކަމުގައި ވިއަސް ސަން ސްކްރީން ހޭކުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. އޭގެ ސަބަބުން ހަންގަނޑު އަވަހަށް މުސްކުޅި ވުމުން ދުރުކޮށްދީ ޓޭން ވުމާއި ކަޅު ލައް ޖެހުމުން ސަލާމަތްކޮށްދޭނެއެވެ.
2. އަބަދުވެސް މޮއިސްޗަރައިޒް ކުރުން
ހަންގަނޑު ހައިޑްރޭޓްކޮށް ހުރުމަކީ އުޖާލާ ހަމަކަށް މުހިއްމު ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ހެނދުނާއި ރޭގަނޑު މޮއިސްޗަރައިޒަރެއް ހޭކުމަށް އާދަކުރާށެވެ. މޮއިސްޗަރައިޒް ކުރާއިރު ލޮލުގެ މަތީކައިރި ހަނދާން ނައްތައި ނުލާށެވެ. އެތަނަކީ އެންމެ ތުނި ހަން ހުންނަ ހިސާބު ކަމަށް ވެފައި ލޯކަރީ ހަންގަނޑު މޮއިސްޗަރައިޒް ނުކުރެވޭ ނަމަ ހަންގަނޑު ހިކޭގޮތްވެ މުސްކުޅި ވުމުގެ ފުރުސަތު ބޮޑު ވެގެން ދެއެވެ.
3. މޭކަޕާ އެކުގައި ނުނިދުން
ހަންގަނޑަށް ދެވޭނެ އެންމެ ބޮޑު ގެއްލުމަކީ މޭކަޕާ އެކު ނިދުމެވެ. އޭގެ ސަބަބުން ބިހި ނެގުމާއި އެކި ބާވަތުގެ އެލާޖީ އާއި ހަންގަނޑު ހިކޭގޮތް ވުމާއި މިހެންގޮސް އެތައް މައްސަލަތަކެއް ހަމަށް ދިމާވެއެވެ. އެހެން ކަމުން ނިދުމުގެ ކުރިން މޭކަޕް ރަނގަޅަށް ސާފު ކުރުމަށްފަހު މޮއިސްޗަރައިޒް ކުރުމަށް އާދަކުރުން މުހިއްމެވެ.
4. މޭކަޕް ހާކާ ބްރަޝްތައް ސާފު ކުރުން
ބިއުޓީ ޓޫލް ތަކަކީ ގިނަ ބެކްޓީރިއާތަކެއް އުފެދޭ އެއްޗެކެވެ. އެހެންކަމުން އެ ޓޫލްތައް ސާފު ކުުރުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މަދުވެގެން މޭކަޕް ކުރަން ބޭނުން ކުރާ ޓޫލްތައް މަހަކު އެއްފަހަރު ދޮވެ ސާފުކުރުން މުހިއްމެވެ. އަދި ލޮލުގެ މޭކަޕް ކުރުމަށް ބޭނުން ކުރާ ބުރުސްތައް މަހަކު ދެފަހަރު ސާފު ކުރުން މުހިއްމެވެ.
5. އަމިއްލަ ނަފްސު ޕެމްޕާ ކުރުމަށް އިސްކަން ދިނުން
ހަފްތާއަކު މަދުވެގެން އެއް ދުވަސް އަމިއްލަ ނަފްސަށް ދިނުން މުހިއްމެވެ. ޑީޕް ކްލެންސިން ފޭޝަލެއް ހެދުން ކަމުގައި ވިއަސް، ހެޔާ މަސާޖެއް ކަމުގައި ވިއަސް ނުވަތަ ޕެޑިކިޔޯ އެއް ހެދި ކަމުގައި ވިއަސް ކޮންމެ މީހަކުވެސް "މީ ޓައިމް" ހޯދައި ރިލެކްސްކޮށް ރެސްޓް ކޮށްލުން މުހިއްމެވެ.