ގިލިލަންކަންފުށި ރިސޯޓުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ވޯޓާ ވިލާގައި ރޯވެ އަނދައިފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 10:32 ހާއިރު ކަމަށާއި އެމްއެންޑީއެފް ފަޔާ ޓީމަށް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ފަތިހު 5:00 ހާއިރު ކަމަށެވެ.
ގިލިލަންކަންފުށި ރިސޯޓުގެ މުވައްޒަފަކު "ވަން އޮންލައިން"އަށް މައުލޫމާތުދެމުން ބުނީ ރޯވެފައިވަނީ އެންމެ ބޮޑު ވޯޓާ ވިލާގައި ކަމަށާއި އެ ވޯޓާ ވިލާގައި ފަސް ކޮޓަރި ހުންނަ ކަމަށެވެ. އަދި އެ ވޯޓާ ވިލާގައި ދިރިއުޅެމުންދަނީ ޖަޕާނުގެ ދެމަފިރިންނާއި ދެ ކުދިން ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ވިލާގައި އަލިފާނުގެ ހާދިސާ ހިނގި އިރު އެމީހުން ތިބީ އަލިފާން ރޯވި ފަޅި ނޫން އަނެއް ފަޅީގައި ނިދާފައި ކަމަށާއި އެމީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ރިސޯޓުން މައުލާމާތުދިން މުވައްޒަފު ބުނީ އެ ވޯޓާ ވިލާގެ އިތުރުން އިތުރު ހަތް ކޮޓަރިއެއްގައި ވެސް އަލިފާން ރޯވެފައިވާ ކަމަށާއި އަލިފާންގަނޑު ފެތުރެމުންދަނީ ވައި ވެސް ގަދަވުމާ ގުޅިގެން ކަމަށެވެ. އެ ކޮޓަރިތަކަކީ ލަކުޑިއާއި ފަނުން ހަދާފައިވާ ކޮޓަރިތަކެއް ކަމަށް ވެސް އޭނާ ބުންޏެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އާޒިމް ވިދާޅުވީ މޫދު ކޮޓަރިތަކުގައި ރޯވެފައިވާ އަލިފާން ނިވިފައިވަނީ ކޮޓަރިތައް އެކީގައި އަނދައިގެން ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިވާކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.