ރީބްރޭންޑް ކުރުމަށް ޓަކައި ސަން މީޑިއާ ގުރޫޕުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓައިލަން ނިންމައިފި އެވެ. ސަން ގެ ދަށުން މިހާރު ހިންގަމުން އަންނަ މީޑިއާ އައުޓްލެޓް ތަކަކީ ސަން ޓީވީ އާއި ސަން މަޖައްލާ އާއި މޯލްޑިވް އައިލެންޑްސް އެވެ. ސަން އެފްއެމްގެ ޚިދުމަތް ވަނީ މީގެ ދުވަސްކޮޅެއް ކުރީން ހުއްޓައިލައިފަ އެވެ.
ސަން މީޑިއާ ގުރޫޕުގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ގޮތަށް ނިންމީ، އެ ކުންފުނީގެ ފަރާތުން ނެރެމުން އަންނަ އޮންލައިން ނޫހާއި ޓީވީގެ ވަސީލަތާއި ރޭޑިއޯގެ ޚިދުމަތާއި ފެންވަރާއި ކޮންޓެންޓް ރަނގަޅުކޮށް، އެޚިދުމަތްތައް އަމާޒުކުރެވޭ ފަރާތްތަކަށް މިހާރަށްވުރެ މަގުބޫލު ވަސީލަތްތަކަކަށް ހަދައި ރީބްރޭންޑްކޮށް އަދި ރީލޯންޗް ކުރުމަށް އެކަށީގެންވާ ވަގުތު ބޭނުންވާތީ އެވެ.
ސަން މީޑިއާ އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މިގޮތަށް ނިންމި ނަމަވެސް މުވައްޒަފުންނާ އެކު ހަދާފައިވާ އެއްބަސްވުން ތަކަށާއި ސަން މީޑިއާއާ އެކު އެހެނިހެން މުއާމަލާތްތައް ކުރަމުން އަންނަ ފަރާތްތަކާ އެކު ހަދާފައިވާ އެއްބަސްވުން ތަަކަށް އެ ކުންފުނިން ފުރިހަމަޔަށް އަމަލު ކުރާނެ އެވެ.