ޚަބަރު

އުދުހުންތަކުގެ އަގު ހެޔޮކުރުމަށް ކުރެއްވި މަސައްކަތްތަކަށް އައިއޭއެސްއެލް އާއި މިނިސްޓަރު ނުހުލާއަށް ރައީސްގެ ޝުކުރު

1

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަށް ކުރެއްވި މަސައްކަތްތަކަށް އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އާއި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު ދަންނަވައިފިއެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ގައުމީ އެއާލައިން އޮޕަރޭޓްކުރާ އައިލެންޑް އޭވިއޭޝަނާއި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާގެ ޓީމަށް ޝުކުރު ދަންނަވާފައިވާ އިރު، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު 25-30 އިންސައްތައަށް ވަނީ ހެޔޮކޮށްފައެވެ.

އައިލެންޑް އޭވިއޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށްވުރެ ކުޑަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެފައިވާ ވައުދު ފުއްދުމަށްޓަކައި މިވަގުތު ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ދިވެހިން އަދި ބިދޭސީ މަސައްކަތްތެރީންގެ އަތުން ނަގާ އަގުތައް ހެޔޮކުރުމަށް ސަރުކާރާއި މަޝްވަރާކުރެވިގެން އެ ކުންފުނީގެ ފަރާތުން އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ މަންޒިލުތަކުގެ ދެކޮޅު ޓިކެޓުތަކުގެ އަގު ހެޔޮކުރުމަށް ނިންމާފައިވާ ކަމަށެވެ.

އައިއޭއެސްއެލް އިން އިއުލާންކޮށްފައިވާ އާ އަގުތަކުގައި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ ކުންފުނީގެ ޓިކެޓިން އޮފީސްތަކުން އަދި އޭޖެންޓުން މެދުވެރިކޮށް ޓިކެޓު ވިއްކަމުންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގުތަކަށް ގެނެވުނު ބަދަލު (ޓެކްސްއާއި ޖީއެސްޓީ ހިމަނައިގެން):

މާލެ - ހަނިމާދޫ - މާލެ: 1،610 ރުފިޔާއާއި 2،226 ރުފިޔާއާ ދެމެދު
މާލެ - އިފުރު - މާލެ: 1،500 ރުފިޔާއާއި 2،056 ރުފިޔާއާ ދެމެދު
މާލެ - ދަރަވަންދޫ - މާލެ: 1،098 ރުފިޔާއާއި 1،562 ރުފިޔާއާ ދެމެދު
މާލެ - ކުޑަހުވަދޫ - މާލެ: 1،500 ރުފިޔާއާއި 2،056 ރުފިޔާއާ ދެމެދު
މާލެ - ތިމަރަފުށި - މާލެ: 1،610 ރުފިޔާއާއި 2،226 ރުފިޔާއާ ދެމެދު
މާލެ - ކައްދޫ - މާލެ: 1،610 ރުފިޔާއާއި 2،226 ރުފިޔާއާ ދެމެދު
މާލެ - ކޫއްޑޫ - މާލެ: 1،652 ރުފިޔާއާއި 2،442 ރުފިޔާއާ ދެމެދު
މާލެ - ކާޑެއްދޫ - މާލެ: 1،652 ރުފިޔާއާއި 2،442 ރުފިޔާއާ ދެމެދު
މާލެ - ފުވައްމުލައް - މާލެ: 1،698 ރުފިޔާއާއި 2،598 ރުފިޔާއާ ދެމެދު
މާލެ - ގަން - މާލެ: 1،698 ރުފިޔާއާއި 2،666 ރުފިޔާއާ ދެމެދު

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟