ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އިބްރާހީމް މުހައްމަދު ދީދީ މިއަދު އައްޔަން ކުރައްވައިފިއެވެ.
އިބްރާހީމް މުހައްމަދު ދީދީ އެ މަގާމަށް އައްޔަންކުރެއްވި އިރު އޭނާ ކުރިން ހުންނެވީ ސުޕްރިންޓެންޑެންޓްގެ މަގާމުގައެވެ.
ރައީސް ސޯލިހު ވަނީ ނިމިދިޔަ މަހުގެ 25 ވަނަ ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އަބްދުﷲ މުނާޒް އައްޔަންކުރައްވައިފައެވެ.
މުނާޒް ވަނީ ރައީސް ސޯލިހު އުފެއްދެވި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން އެކުލަވާލި ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރައްވައިފައެވެ. ނަމަވެސް ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ވަނީ އެ ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާދެއްވައިފައެވެ.
މުނާޒަކީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި 24 އަހަރު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި މުނާޒަކީ ޝަރަފުވެރިކަމާއެކު 2011 ވަނަ އަހަރު ސިފައިންގެ ހިދުމަތުން ރިޓަޔާކުރައްވާފައިވާ ބޭފުޅެކެވެ. ރިޓަޔަކުރެއްވި އިރު އޭނާ ހުންނެވީ ފަސްޓް ލެފްޓެނަންޓްގެ މަގާމުގައެވެ.
2011 ވަނަ އަހަރު ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސަސް އުފެއްދެވުމާ ގުޅިގެން މުނާޒް ވަނީ ސްޕްރިންޓެންޑެންޓްގެ މަގާމަށް އައްޔަންކުރައްވައި ޖަލުގެ އެންމެ އިސްވެރިޔާގެ މަގާމު އަދާކުރައްވައިފައެވެ. މުނާޒަކީ ލީޑާޝިޕް އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރަށް ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.