ދިވެހި ރައްޔިތުންނަށް ހެޔޮވެރިކަމެއް ގެނެސްދީ، ދިވެހިރާއްޖޭގެ އިގުތިޞާދު ކުރިއަރުވައި ތަރައްގީ ކުރުމަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރުމަށް ކަނޑައެޅި ވައުދުތައް ފުރިހަމަކުރުމުގައި ފާހަގަކޮށްލެވޭ ކާމީޔާބީތަކެއް ހާސިލުކުރެވެމުންދާ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި ސަރުކާރުގެ ފުރަތަމަ 30 މަސައްކަތު ދުވަސް ހަމަވާ މިހިނގާ ޖަނަވަރީ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރުން މި މުއްދަތުގެ ތެރޭގައި ކުރަން ނިންމާފައިވާ 67 ކަމެއްގެ ތެރެއިން 56 ކަމެއް ނުވަތަ 30 ދުވަހުގެ ވައުދުތަކުގެ 82 އިންސައްތަ ވަނީ ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި ތަފާތު 19 ދާއިރާއަކާ ގުޅޭ މުހިންމު އެކިއެކި ކަންކަން ހިމެނެއެވެ. ހާއްސަ ގޮތެއްގައި މަތީ ތައުލީމާއި ކޮރަޕްޝަން ނައްތާލުމާއި ސިއްހީ ދާއިރާއާއި ދަތުރުފަތުރާއި ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކާ ގުޅޭ ކަންކަން ހިމެނެއެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ މަސައްކަތްތަކުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއްކަމަކީ ދުސްތޫރީ ވެރިކަމަކަށް ރުޖޫއަވުމާއި ޑިމޮކްރެސީއެއްގައި ރައްޔިތުންނަށް ލިބިދޭންޖެހޭ ހައްގުތައް ކަށަވަރު ކޮށްދެވުން ކަމަށާއި މިރޮނގުން ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީތަކުގެ ތެރޭގައި މިނިވަން ނޫސްވެރިކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް މީގެ ކުރިން ފާސްކޮށްފައިވާ "އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމުގެ ބިލް"، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ އެބިލް ތަސްދީގު ކުރައްވާފައިވާކަން ފާހަގަކޮށްލެވޭ ކަމަށެވެ.
ތަންފީޒީ އިދާރާތަކަށް ގެއްލިފައި އޮތް ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް އިސްކަން ދީގެން ސަރުކާރުން ފުލުހުންގެ އިދާރާއަށް މިދިޔަ 30 ދުވަހުގެ ތެރޭގައި އިސްލާހީ ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހިނގާފައިވާ ހަގީގަތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ ހާދިސާތަކުގެ މިނިވަން ތަހުގީގެއް ހިންގުމަށްޓަކައި، "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން" ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވައި، އެ ކޮމިޝަނުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ ސަރުކާރުގެ ފުރަތަމަ 30 މަސައްކަތު ދުވަހުގެ ތެރޭގައި ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދިޔަ އަނެއް ދާއިރާއަކީ ޒުވާނުންނާއި ގުޅުންހުރި ދާއިރާއެއް ކަމަށާއި ހާއްސަކޮށް ޒުވާނުންނަށްޓަކައި ތައުލީމު އުނގެނުމުގައި ލުއިފަސޭހަތަކެއް ފޯރުކޮށްދީފައިވާ ކަމަށެވެ.
މިގޮތުން ރާއްޖޭގައި ހިންގާ މަތީ ތައުލީމުގެ ހުރިހާ މަރުކަޒުތަކަކުން ބެޗެލާސް ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ވެފައިވާ ވައުދު ވަނީ ފުއްދައިފައެވެ. ހަމައެއާއެކު ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މަތީ ތައުލީމުގެ ލޯނުގެ އިންޓްރެސްޓް ތިން އިންސައްތައަށް ކުޑަކޮށް، ލޯނު އަނބުރާ ދެއްކުމަށް ހަމަޖައްސާފައިވާ މުއްދަތު 25 އިންސައްތައަށް ވަނީ އިތުރުކޮށްދީފައެވެ. މީގެ އިތުރުން މަތީ ސާނަވީ އިމްތިހާނުގައި އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރާ ކުދިންގެ ސްކޮލަޝިޕް، އޯ.އީ.ސީ.ޑީ. ގައުމުތަކުގެ އުނިވަރސިޓީތަކުން ހޯދޭނެ މަގު ވަނީ ފަހިކޮށްދީފައެވެ.
މީގެ އިތުރުން ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީތަކުގެ ތެރޭގައި ދިވެހިރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ރަސްމީކޮށް ހުށަހެޅުމާއި ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މީގެ ކުރިން ސަރުކާރަށް ނަންގަވާފައިވާ ބާރުތައް އަލުން އަނބުރާ ސިޓީ ކައުންސިލްތަކަށް ދިނުން ހިމެނެއެވެ.
ތިމާވެށީގެ ދާއިރާއިން ސަރުކާރުން ހާސިލުކޮށްފައިވާ ކަންކަމުގެ ތެރޭގައި ހއ. ބާރަށާއި ހއ. ނޭކުރެންދޫގައި ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކެއް ކަނޑައެޅުއްވުމާއި ހއ. ކޭލަކުނަކީ ހިމާޔަތްކުރެވިފައިވާ ރަށެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ.
ސިއްހީ ދާއިރާއިން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި އާސަންދައިގެ ތެރޭގައި ތަފާތު ތެރަޕީ ފަރުވާތައް ހިމެނުމާއި އައިޑީ ކާޑު މުއްދަތު ހަމަވެފައިވީ ނަމަވެސް އާސަންދައިގެ ހިދުމަތް ހޯދުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.
މިހާކުރު މުއްދަތެއްގެ ތެރޭގައި ސަރުކާރުން ހާސިލްކޮށްފައިވާ ބޮޑެތި ކާމިޔާބީތަކާ މެދު ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގަންނާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި މިއީ ކުރިއަށް އޮތްތާނގައި ސަރުކާރުން ކުރަންހުރި ކަންކަމުގެ ތެރެއިން މަދު މިންވަރެއް ކަމަށާއި މިހާތަނަށް ހާސިލުކުރެވުނު ކަންކަމަކީ ސަރުކާރުގެ އަމާޒަށް ވާސިލުވުމަށް ލިބިވަޑައިގެންނެވި އިތުރު ހިތްވަރެއް ކަމުގައި ރައީސް ސިފަކުރެއްވިއެވެ.
މީގެ އިތުރުން އިގްތިޞާދީ ކުރިއެރުމާއި ގައުމީ ތަރައްގީއާއެކު ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ރައްޔިތުންގެ ޑިމޮކްރެޓިކް ހައްގުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ވައުދުވެފައިވާ ކަންކަން ފުރިހަމަ ކުރެއްވުމުގައި އިތުރު ބާރަކަށް އެކަންކަން ވެގެން ހިނގައްޖެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ފުރަތަމަ 100 މަސައްކަތު ދުވަސް 27 މާރިޗު 2019 ގައި ހަމަވާއިރު، 21 މިނިސްޓްރީއަކާ ގުޅޭ 161 ވައުދެއް ފުއްދުމަށް ވަނީ ކަނޑައަޅައިފައެވެ.