ޚަބަރު

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމާއި ޑެޕިއުޓީ އޭޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

މަރިޔަމް ޝަހުދާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބޭފުޅަކާއި ޑެޕިއުޓީ އެޓާނީގެ މަގާމަށް ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސް ސޯލިހަށް ލިބިދޭ ބާރުގެ ދަށުން މި މަގާމުތައް މި ދެ ބޭފުޅުން އައްޔަންކޮށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

މިގޮތުން މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ރައީސް ސޯލިހު އައްޔަންކުރައްވާފައިވަނީ މ. ޖަވާހިރުވާދީ، އިފްހާމް ހުސައިނެވެ. އަދި އެޓާނީ ޖެނަރަލް އޮފީހުގެ ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައިވަނީ މ. ނިޔަދުރުމާގެ، ހަދީޖާ ޝަބީނެވެ. ޝަބީން މަގާމަށް އައްޔަން ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައެވެ.