މިނިސްޓްރީ އޮފް ހޯމްއެފެއާޒް

ގައިދީންނާމެދު އަމަލުކުރެވޭ ގޮތުގެ މައުލޫމާތު ހިއްސާކުރުމަށް ފުރުސަތު ހުޅުވާލައިފި

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގެ ޖަލުތަކުގައި ތިބި ގައިދީންނާ ދޭތެރޭ އަމަލުކުރެވޭ ގޮތުގެ މައުލޫމާތު ހިއްސާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖަލުތައް އޯޑިޓްކުރުމަށް އެކުލަވާލައިފައިވާ ''ކަމިޝަން ފޮރ ޕްރިޒަން އޯޑިޓް' އާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހުސްވި އަހަރުގެ ޑިސެންބަރު 18 ގައި ފަށާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ޖަލުތަކުގައި ތިބި ގައިދީންނާ މެދު އަމަލުކުރެވޭ ގޮތުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދުން ފެށިގެން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެގޮތުން މައުލޫމާތު ހިއްސާކުރުމަށް ބޭނުންވާ ފަރާތްތަަކުން ހޯމްމިނިސްޓްރީގައި ގާއިމްކޮށްފައި ހުރި ކޮމިޝަނުގެ އޮފީހަށް ހާޒިރުވެ މައުލޫމާތު ހިއްސާކުރުމަށާއި އަދި ސިޓީ އާއި ފޯނުން މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ. އެގޮތުން ފޯނުން މައުލޫމާތު ހިއްސާކުރާނަމަ 3321752 އަށް ގުޅުމަށް ވަނީ ބުނެފައެވެ. އަދި އީމެއިލުން ނަމަ [email protected] މައުލޫމާތު ހިއްސާކުރުމަށް ވެސް އެދިފައިވެއެވެ.

ޖަލުތަކުގައި އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގާކަމުގެ ތުހުމަތުގައި، ޖަލުތަކާ ގުޅޭ އޮޑިޓެއް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންނެވިއެވެ. އެގޮތުން ޖަލުތައް އޮޑިޓްކުރުމަށްޓަކައި މިިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ ހަތް މެމްބަރުންގެ ކޮމެޓީއެއް އުފައްދައިފައެވެ.