ކ. މާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 78 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފި އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އޮގަސްޓް 27، 2019 ގަ އެވެ. އެއީ 99.9 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
މާފުށީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ފެށި އެ މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކައި، 1,100 މީޓަރުގެ ސަރަހައްދެއްގައި ބޮޑުގަލުގެ ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ.
މަޝްރޫއުގެ ދަށުން މާފުށީ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ޖޫން މަހުގެ ތެރޭގައި ނިންމާލާފައިވާއިރު އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށެވެ.